ތުލުސްދޫގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތުލުސްދޫގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ.

މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު ސިޔާސަތެއްގެ ދަށުން ފެށުނު ޚިދުމަތެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އަދި މި މަޝްރޫޢު މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިފްތިތާޙު ކުރެވިފައެވެ.

މި ޚިދުމަތް ފެށުމާއެކު، ތުލުސްދޫ އަދި އެ ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނަށް މާލެ ނާދެވިއްޔަސް ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

މި ޚިދުމަތް ފެށުމާއެކު، ރައްޔިތުންނަށް ދަތުރުފަތުރަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެގެންދާނެ ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރެވިގެންދާނެ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން