އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށް، މިއަދު ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.
105 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ މިނިސްޓަރު މޫސާ ޒަމީރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ސަރުކާރުން މި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ހޮސްޕިޓަލް ނިމުމުން ޑައިލިސިސްގެ ޚިދުމަތް ހިމެނޭ ގޮތަށް ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ވަނީ 540 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ. މި މަޝްރޫޢު ނިމުމުން އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ޞިއްޙީ ޚިދުމަތް ހޯދުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.