އދ. މާމިގިލީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މާމިގިލީއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި އެރަށު ކައުންސިލްގެ ރައީސެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މި ގޮތުން މާމިގިލީގައި އިސްލާމިކް ބޭންކިންގ ބްރާންޗެއް ޤާއިމްކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި ބްރާންޗް ޤާއިމްކުރުމުން މާމިގިލީގެ ރައްޔިތުންނަށް އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ އެ ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.