ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ހިންގާ މަޝްރޫއުގެ ކާމިޔާބީތައް ބަލާ ދިރާސާ ކުރުމަށް ހައި ލެވެލް ޑޯނަރ މިޝަންގެ ވަފުދުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) ގެ ހައި ލެވެލް ޑޯނަރ މިޝަންގެ ވަފުދުގެ ފަރާތުން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށް އެލްއެލްއެފްގެ ފަންޑުން ހިންގާ "ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ ތްރޫ ސަސްޓެއިނަބަލް އެނަރޖީ" މަޝްރޫޢުގެ ކާމިޔާބީތައް ބަލައި ދިރާސާކުރާނެއެވެ.
އޮކްޓޯބަރ6 އިން 9 އަށް ކުރިއަށްދާ މި ދަތުރުގައި މިކަމުގެ މައުލޫމާތު ދިނުމަށް މިއަދު ތ. ހިރިލަންދޫއަށް މި ޓީމުގެ ފަރާތުން ޒިޔާރަތްކޮށް މަސްވެރިންނަށް މައުލޫމާތު ދޭނެއެވެ.
ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑަކީ 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ތަރައްޤީގެ ފަންޑެކެވެ. މި ފަންޑުގައި ހިމެނެނީ އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)، ގޭޓްސް ފައުންޑޭޝަން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)، އިސްލާމިކް ސޮލިޑަރިޓީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އައިއެސްއެފްޑީ)، ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭއެސްރިލީފް)، އަދި ޤަޠަރު ފަންޑު ފޮރ ޑިވެލޮޕްމަންޓް (ކިއުއެފްއެފްޑީ) އެވެ. މި ފަންޑުން ޖަމާޢީ ހަރަކާތްތެރިކަމާއި ލުއި ޝަރުތުތަކުގެ ފައިނޭންސިންގ ބޭނުންކޮށްގެން އައިއެސްޑީބީގެ މެމްބަރު ޤައުމުތަކަށް ފަސޭހައިން ލިބޭ، ދެމެހެއްޓެނިވި ފަންޑިންގ ފޯރުކޮށްދެއެވެ. މިގޮތުން އެ ޤައުމުތަކުގެ އާބާދީއަށް ކުރިއެރުމުގެ އަސާސީ ބިންގާތައް ކަމުގައިވާ ޕްރައިމަރީ ހެލްތުކެއަރ، އުފެއްދުންތެރި ދަނޑުވެރިކަން، އަދި އިޖްތިމާޢީ އިންފްރާސްޓްރަކްޗަރ ލިބިދިނުން ކަށަވަރުކުރެއެވެ.
ދިވެހި ސަރުކާރާއި އެލްއެލްއެފް ބައިވެރިންގެ ފަންޑިންގ އާއެކު، 13.61 މިލިއަން ޔޫއެސް ޑޮލަރުގެ މި މަޝްރޫޢުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ތަޢާރަފުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް އައު ފުރުސަތުތަކެއް ހުޅުވައިދެއެވެ. މި މަޝްރޫޢުގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި ފިނިކުރި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު) ސިސްޓަމްތަކާއި ސޯލާ ޕީވީ ހަރުކުރުމަސް ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޑީސަލް ބޭނުންކުރާ މިންވަރާއި ގްރީންހައުސް ގޭސް އުފެދޭ މިންވަރު މަދުކުރެވި، މަހުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެއެވެ.
އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމުގެ އިތުރުން، މި މަޝްރޫޢުން މުޅި ވެލިއު ޗެއިން ވަރުގަދަވެ ވިޔަފާރީގެ ގުޅުންތައް ވަރުގަދަވެގެންދާނެ އެވެ. އަދި މި ދާއިރާގައި އަންހެނުންނާއި ޒުވާނުންް ބާރުވެރިކުރުވައި، ބައިނަލްއަޤްވާމީ ބާޒާރަށް ރައްޖެއިން ބާނާ މަސް ނެރެވޭ މިންވަރު އިތުރު ވެގެންދާނެއެވެ.
މިހާތަނަށް މި މަޝްރޫޢުއަށް 79 ފައިނޭންސިންގ ހުށަހެޅުން ވަނީ ލިބިފައެވެ.އަދި އޭގެތެރެއިން 41 ވަނީ ފާސްކޮށްފައެވެ. 2026 ވަނަ އަހަރު މި މަޝްރޫޢު ނިމޭއިރު، 200 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ، 1.6 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން ޤާއިމުކޮށް، އަދި 3،000 ޓަނުގެ ފެންވަރު ރަނގަޅު މަސް ރައްކާކުރުމުގެ ޖާގަ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ. މި ނަތީޖާތަކުގެ ސަބަބުން މަސްވެރިންގެ އާމްދަނީ މަދުވެގެން 10 އިންސައްތަ އިތުރުވެ، އަދި ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ދިވެހީންނަށް ލިބިގެންދާނެ އެވެ.
ހަބަރު: ސަރުކާރު