އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވައި އެތަން ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވައި އެތަން ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް

އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވައި އެތަން ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަންޏާމީދޫ ކައިރީގައި އޮތް އުތުރުއަތަފަރު އެރަށުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެއިތުރުން އެ އަތޮޅުގައި ފަތުރުވެރިން ގޮވައިގެން ދާނެތަންތަން މަދުކަން ފާހަގަކުރައްވައި، ފަތުރުވެރިން ދަތުރުކުރާނެ ރަށެއްގެ ގޮތުގައި އަލިކޮއިރަށް އެކަމަށް ޚާއްސަ ރަށެއްގެގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އުތުރުއަތަފަރު މިރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި އެކަމުގެ ޤަރާރު ވަރަށް އަވަހަށް ނެރޭނަން. އަދި އެތަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ހަންޏާމީދޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނިއެހެލާތަނެއް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނު އެރަށަށް ވެވަޑައިގެންނެވި ވަޢުދުފުޅެއްކަމަށާއި، އެ މަޝްރޫޢުތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

އަދި އެރަށަށް ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށްވެސް އިސްކަންދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާނެ އެކި އެކި ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަންޏާމީދޫއަކީވެސް ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަންވެސް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން