އދ. ހަންޏާމީދޫ ސްކޫލް ޢިމާރާތް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހަންޏާމީދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 22.63 މިލިއަން ރުފިޔާގެ މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
761 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫއަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މި މަޝްރޫޢުގެ ދަށުން، 9500 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި އިމާރާތް ނިމުމުން، ހަންޏާމީދޫގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމު އުނގެނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ވަނީ ނިންމާފައެވެ.
މި އައު ސްކޫލް އިމާރާތަކީ ހަންޏާމީދޫގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި މިއީ ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައިވެސް ބެލެވެއެވެ.