މާމިގިލީ ފަޔަރ ސްޓޭޝަން ރައީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މާމިގިލީ ފަޔަރ ސްޓޭޝަން ރައީސް ހުޅުއްވައިދެއްވައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އދ.މާމިގިލީ ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވައިފިއެވެ. 

އދ. މާމިގިލީގައި މިއަދު ހެނދުނު ހުޅުވި މި ފަޔަރ ސްޓޭޝަނަކީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ސަރަހައްދުގައި ހުޅުވި 6ވަނަ ފަޔަރ ސްޓޭޝަނެވެ. އަދި، މި ފަޔަރ ސްޓޭޝަން ހުޅުވުމުން، ދިވެހިރާއްޖޭގައި ޤާއިމު ކުރި ފަޔަރ ސްޓޭޝަންތަކުގެ އަދަދު 15އަށް ވަނީ އިތުރުވެފައެވެ. މާމިގިލީގައި ހުޅުވި ފަޔަރ ސްޓޭޝަންގެ ސަބަބުން ދިވެހިރާއްޖޭގެ އަލިފާން ނިއްވުމުގެ ޚިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

މި ފަޔަރ ސްޓޭޝަން ހުޅުވުމަށް ޓަކައި ކުރި ބޮޑެތި މަސައްކަތްތައް ނިންމާލުމުގައި މާމިގިލީ ޕޮލިސް ސްޓޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާމިގިލީ ކައުންސިލް އިދާރާއާއި، ވިލާ ގްރޫޕްގެ ފަރާތުން ވަނީ އެހީތެރި ފޯރުކޮށްދެއްވާފައެވެ. 

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އދ.މާމިގިލީ ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބަލް ޤާސިމް އިބްރާހީމާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަޙްމަދު ޠާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރާއި، އެ ރަށުގައި ޤާއިމްކޮށްފައިވާ ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން