އދ. އޮމަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި، ދާއިރާގެ މެންބަރު އަދި ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އޮމަދޫ ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އާ އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެ ތެރެއިން ގިނަ ރަށްތަކެއްގައި މިހާރު ވަނީ ޢަމަލީ މަސައްކަތް ފަށާފައެވެ.
މި އިމާރާތް ނިމުމުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކާއި، ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެކަމަށް ބެލެވެއެވެ.