އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އދ. އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އެމްޓީސީސީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ދާއިރާގެ މެންބަރުގެ އިތުރުން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއާއެވެ.

މި މަޝްރޫޢުގެ ދަށުން، 2000 އަކަފޫޓުގެ ފުލުހުންގެ މަރުކަޒަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2.2 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާޙަޢުލެއް ޤާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން