އޮމަދޫ މެދުކެނޑިފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް ކުރަންހުރި ކަންކަން ގާތުން ބައްލަވަމުންގެންދާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އޮމަދޫ މެދުކެނޑިފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް ކުރަންހުރި ކަންކަން ގާތުން ބައްލަވަމުންގެންދާނަން: ރައީސް

އދ. އޮމަދޫގައި މެދުކެނޑިފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް ކުރަންހުރި ކަންކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އޮމަދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި، މެދުކެނޑިފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށްޓަކައި، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏަށް ބާރުއަޅުއްވައި، މަޝްރޫޢު ފުރިހަމަކުރުމަށް ކުރަންހުރި އެންމެހައި ކަންކަން ސަރުކާރުން ގާތުން ބައްލަވަމުން ގެންދަވާނެއެވެ.

މިއަދުގެ ދަތުރުފުޅުގައި ރައީސް ވަނީ އޮމަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ ވޮލީކޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި، ފުލުހުންގެ މަރުކަޒު އަދި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ.

އަދި ހަމަ މިއަދު، އޮމަދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ރައީސް ވަނީ އަޅުއްވާފައެވެ. މި މަޝްރޫޢުތަކަކީ އޮމަދޫގެ ތަރައްޤީއަށް ސަރުކާރުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމުގައި ފާހަގަކުރެވެއެވެ.

އޮމަދޫގެ ފެނުގެ ވިއުގައިގެ މަސައްކަތަކީ ރަށުގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫޢެއް ކަމަށްވުމާއެކު، މި މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ އިތުބާރު ދެއްވާފައެވެ.

މިއަދު އޮންލައިން