ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަހިބަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ބޭއްވެވުމަށްވެސް ހަމަޖައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދިވަޑައިގަންނަވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވުމާއި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރު ބެއްލެވުމެވެ.