އދ. އަތޮޅު މަހިބަދޫ އާއި އޮމަދޫއާ ދެމެދުގައި އޮންނަ މާފަރު ފަޅު ހިއްކައި، އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
މާފަރު ފަޅަކީ މަހިބަދޫއާއި އޮމަދޫއާ ދެމެދު އޮންނަ ބޮޑު ފަޅެކެވެ. މި ފަޅު މަހިބަދޫގެ އިޙްތިޞާސްގެ ތެރެއަށް ހިމެނިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަހިބަދޫ ކައުންސިލާ ބައްދަލުކުރައްވައި، މާފަރު ފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން މާފަރު ފަޅު ތަރައްޤީކުރެވި، އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމުން، އެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.