އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ވެމްކޯއާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް އެވެ. އަދި މަހިބަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ރަޝާދު އަލީ އެވެ.
މި އެއްބަސްވުމުގެ ދަށުން މަހިބަދޫގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދޭން ފެށުމުން، އެ ރަށުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.
ވެމްކޯއިން ރާއްޖޭގެ އެކި ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަހިބަދޫގައިވެސް މި ޚިދުމަތް ފެށިގެންދާއިރު، މިއީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.