ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، އދ. މަހިބަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ޚިދުމަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ވާއިރު، މި ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 16 ވަނަ ދުވަހުއެވެ.
މަހިބަދޫގައި މި ޚިދުމަތް ފެށުމާއެކު، އަރިއަތޮޅު ދެކުނުބުރީގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެ ދަތުރުކުރަން ޖެހުމުގެ ތަކުލީފުން ސަލާމަތްވެގެންދާނެއެވެ. އަދި މި ޚިދުމަތް އަވަސް މުއްދަތެއްގެ ތެރޭގައި ލިބިގެންދާނެއެވެ.
ސަރުކާރުން މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކުގައިވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.