މިއަންނަ އަހަރު ދިވެހިރާއްޖެ ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް މިހާރު ވަނީ ފިލައިފައި ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޠާރިޤު ވިދާޅުވީ، އަންނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ޖުމްލަ އަދަދަކީ 800 މިލިއަން ޑޮލަރު ކަމަށެވެ. މި ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ވަނީ ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ގެނެސް، ރިޒާވަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ބަދަލުކޮށްފައެވެ.
"މިހާރު އަޅުގަނޑުމެން މިއަންނަ އަހަރު ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް ފިލައިފި. އެ ޝައްކުތައް ފިލުވާލުމަށްޓަކައި އަވަށްޓެރި ޤައުމުތައް، ޙާއްސަކޮށް އިންޑިއާއާއި ޗައިނާއާއެކު މަޝްވަރާކުރުމަށް ފަހު އެ ޤައުމުތަކަށް ދައްކަން ޖެހޭ ލޯނުތަށް ލުއިތަކެއް ހޯއްދަވައި ދެއްވާފައިވާ،" މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މެންބަރު ޠާރިޤު ވިދާޅުވި ގޮތުގައި، މިއަންނަ އަހަރު ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއެކު ދެއްކުމަށްފަހު، ނުދެއްކި ހުންނަ އަދަދު އެމްޑީޕީން ކުރިން ނަގާފައިވާ ލޯނުގެ ރޭޓަށްވުރެ ކުޑަ ރޭޓެއްގައި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ސަރުކާރުން ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލު ރައްޔިތުންނަށް ފެންނާނީ އަންނަ އަހަރު ދައްކަންޖެހޭ ލޯނުތައް ދެއްކުމަށްފަހު ކަމަށް މެންބަރު ޠާރިޤު ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮލަރުގެ އަގު ދަށްކުރެވޭނީ ރިޒާވަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދައުރުކުރެވިގެން ކަމަށްވާއިރު، މިކަން ކުރުމަށްޓަކައި ލޯނުތައް ދައްކައި ނިންމުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.