ނޭޕާލްގައި ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ނޭޕާލްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބަޔަކު މަރުވެ، އެ ޤައުމަށް ލިބުނު ގެއްލުންތަކުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށެވެ.
މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 60 މީހުން ވަނީ މަރުވެފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތިބީ ނޭޕާލްގެ ރައްޔިތުންނާއެކު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ނޭޕާލަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް، ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ.
ނޭޕާލްގެ މޫސުމީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިތުރަށް ވެސް ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް ވަނީ އިންޒާރު ދީފައެވެ.