ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑު ފައިދާއެއް ކުރާނީ އެމީހަކާއިއެކުގައި ތިބޭ ޝައިޠޯނުންތައް ދެރަކޮށް ނިކަމެތިކޮށްލެވުމުންނެވެ. ބިރުގަންނަވައި ސައިޒު ހިމަކޮށްލެވުމުންނެވެ. އޭތިންގެ ގައިގައި ވޭން އަޅަން ޖެއްސުވުމުންނެވެ.
މޮގޮތުން ބަލާއިއރު ޝައިޠާނާ އެންމެ ހިމަވާނީ ގިނަގިނައިން ބިސްމިﷲ ކިޔުމުންނެވެ. ބިސްމިﷲ ކިޔާ ކޮންމެ ފަހަރަކު އެ އަޑު އިވުމުން ޝައިޠާނާއަށް ހީވާނީ އޭނާގެ ގައަށް ތީރުތަކެއް ހަރާހެންނެވެ. ކެތް ނުކުރެވޭ ވަރަށް ވޭން އަޅާނެއެވެ. ވީމާ ޝައިޠާނާ ހިމަކޮށް ނިކަމެތިކުރުމަށްޓަކައި ވެސް ގިނަގިނައިން ބިސްމިﷲ ކިޔާށެވެ!
ބިސްމިﷲ ކިޔަންވީ ހަމައެކަނި ކާން ފެށުމުގެ ކުރިއަކުން ނޫނެވެ. ކުރާ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔަން އާދަކުރާށެވެ! އެއިރުން އެކަމެއްގެ ތެރެއަކަށް ޝައިޠާނާއަކަށް ނުވަދެވޭނެ އެވެ. ކުރާ ކޮންމެ މަސައްކަތެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔަން އާދަކުރާށެވެ! ގެއަށް ވަންނަމުންވެސް އަޢީޛްގެ އިތުރުން ބިސްމިﷲ ކިޔާށެވެ! އެއިރުން އެގެއަކުން ޝައިޠާނާއަށް އެއްވެސް ޖާގައެއް ނުލިބޭނެއެވެ.
ބައެއް މީހުން ޝައިޠާނާ ފެއްސުމުގެ ބޭނުމުގައި ޝައިޠާނާއަށް އެއްޗެތި ގޮވައެވެ. އެއްޗެތި ގޮވުމަކީ ޝައިޠާނާ ޖެހިލުންވާ ކަމެއް ނޫނެވެ. ނަމާދަށް ހުންނައިރުވެސް މިކަން މެދުވެރިވެއެވެ. ބައެއް މީހުންނަށް ހީވަނީ ނަމާދަށް ހުރެ ޝައިޠާނާއަށް އެއްޗެތި ގޮވުމުން ނަމާދަށް ފައިދާކުރާނެ ކަމަށެވެ.
ނަމާދަށް ހުންނައިރު ޝައިޠޯނާކުރާ އުނދަގޫތަކުން ސަލާމަތްވުމަށް ކުރަން އޮތް ކަމަކީ އަޢޫޛް ކިޔައި ވައަތްފަރާތަށް 3 ފަހަރު ފުމެލުމެވެ. (ހިކިކުޅުޖެހުމެވެ.) އެނޫން އެއްވެސް ޢަމަލެއް ކޮށްފިނަމަ ، އަދި ބަހެއް ބުނިނަމަވެސް އެކަން ވާނީ ނަމާދުން ބޭރުން ކުރެވޭ ޙަރަކާތަކަށެވެ. އެކަމުގެ ގެއްލުން ލިބޭނީ އެމީހަކަށެވެ.
ނަމާދުގައި ފައިދާކުރާނީ ނަމާދުގައި ކިޔާތަކެތި ހިތް މައްޗަށް ގެނައުމުންނެވެ. ޚުޝޫޢަތްތެރިވުމުންނެވެ. އެދެކަންތައް ނުކޮށް ޝައިޠާނާއަށް އެއްޗެތި ގޮވުމުން އެދެވެނީ ނަމާދުގެ އިމުން ބޭރަށެވެ. އެހެންވެ ޝައިޠާނާ އަމިއްލައަށް ވެސް އޭނާއަށް އެއްޗެތި ގޮވުމަށް ވަސްވާސް ދޭނެއެވެ. އެއީ ނަމާދުން ބޭރުކޮށްލައި ނަމާދު ހަލާކުކޮށްލުމަށް ކުރާ ކަމެކެވެ.
--ޢުމަރު ސުލައިމާންގެ ދަރުސަކުން