ގިނައެކުވެރިންގެ ކިބައިން އެންމެ ގިނައިން އަޑުއަހަންޖެހޭ ޝަކުވާއަކީ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ލަސްވާ ކަމުގެ ވާހަކަތަކެވެ. އެހެންވެ އަޅުގަނޑުގެ ހިތުގައިވެސް މިހާރު މާޔޫސްކަން އެބައުފެދެއެވެ. އަޅުގަނޑުގެ ހިތުގައި މާޔޫސްކަން އުފެދެނީ އަޅުގަނޑު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެތީއެއް ނޫނެވެ. ގިނަ ބައެއްގެ ޙާލަތު ހުރިގޮތާއިމެދުގައެވެ.
އަޅުގަނޑުގެ އެކުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ދުޢާކުރުމުގަ ޘާބިތުވުމުން އެކަން ހިންމަވައިދެއްވެވެވި މީހެއްގެ ވާހަކަ ގެނެސްދެއްވިދާނެތޯއެވެ؟
ތިއަ މޭރުމުން ކުރި ސުވާލަކަށް ކުރިންވެސް މިޙާދިސާގެ ވާހަަކ ގެނެސްދިނީމެވެ. އެއީ މީހަކު ބުނިބުނުމަކަށްވުރެ ގިނަބއެއްގެ ލޮލަށް ފެނިފައިވާ ކަމެއްގެ ވާހަކަ ގެނެސްދިނުމުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.
ކިޔުންތެރިޔާގެ ސުވާލަށްޓަކާ އުފާކުރަމެވެ. ތިރީގައި އެވާ ވާހަކައަކީ މާކުރީގެ ވާހަކައެއް ނޫނެވެ. މިދިއަ ކޮވިޑް ތެރޭގައި ލޮލަށް ފެނުނު ކަމެކެވެ. އެވާހަކައިގައި ކިޔުންތެރިޔާ ފާހަގަކޮށްފައި އެވަނީ ވަޒީފާ ލިބޭނެކަމުގެ ޔަޤީންކަމުގައި ރާއްޖެ އައި މިޞުރުގެ ޑޮކްޓަރަކަށް ކަންކަން ދިމާވިގޮތެވެ. އޭނާއާއިއެކު ވިޔަފާރިވެރިންގެ މިސްކިތުގައި ވަރަށް ގިނައިން ވަޤުތު ހޭދަކުރެވުނެވެ. އެކުގައި ނަމާދުވެސް ކުރެވުނެވެ. އެއިރު އެމިސްކިތަށް އަރައި އުޅުނު ވަރަށް ގިނަ މީހުންނަށް އޭނާގެ ކަންކަން ރަނގަޅަށް އެނގޭނެއެވެ.
ބުނެލަން އޮތީ މިފަދަ ކިތަންމެ ބައަކާއި ވަނީ ބައްދަލުވެފައިކަމަށެވެ. މައްސަލައަކަށްވަނީ އަހަރެމެންނަށް ކެތްތެރިކަމާއިއެކު ޘާބިތުވެނުލެވޭކަމެވެ. ޘާބިތުވެ ލެވިއްޖެނަމަ ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ، އެންމެ ދެރަކޮށް މެދުވެރިވާ އެއްކަމަކީ ދުޢާ ޢިޖާބް ކުރެއްވެވުން ލަސްވެގެން އުޅުމަކީ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބަކަށްވެގެންދާކަން ގިނަ ބައަކަށް ޤަބޫލުނުކުރެވޭ ކަމެވެ.
އޭނާއަކީ މައްސަލަތަކުން ފުރިފައި ހުރި މީހެކެވެ. ބޮޑު ހޭދައެއްކޮށްގެން ރާއްޖެއައީ ވަރަށް ބޮޑު އުންމީދަކާއިއެކުގައެވެ. އެއީ ޑޮކްޓަރެއްގެ ވަޒީފާ ލިބޭނެ ކަމުގެ އުންމީދެވެ. ނަމަވެސް ރާއްޖެ އައިތަނުން ކަންކަން މުޅިން އެހެން ގޮތަކަށް ބަދަލުވީއެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނުނީއެވެ.
އޭނާގެ ބަހަކީ "އެކަން ފުރިހަމަކުރައްވަވައި ދެއްވެވުމުން އަހުރެންނަށް އެންމެ ފައިދާކުރާނެ ގަޑިޖެހުމުން ﷲ ތައާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ." އެހެންވެ އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަކަށް ނުއެދެއެވެ. މީހުންގެ ގާތަކު އެކަމުގެ ވާހަކަދައްކަމަކުން ނުހިނގައެވެ.
އޭނާ ކުރާ ކަމަކީ ބަންގީގެ ކުރިން މިސްކިތަށް އެރުމެވެ. ސުންނަތް ނަމާދުތަކުގެ ސަޖިދަ ދިގުކުރުމެވެ. ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކުރާނަމަ ފުރަތަމަ 2 ރަކްޢަތުގަ ސަޖިދަ ދިގުކުރާނެއެވެ. ފަހު ދެރަކްޢަތް ދިގުކޮށްފިނަމަ ފަރުޟު ނަމާދަށް ވަޤުތު ނުލިބޭތީ ކުރުކުރާނެއެވެ.
ސީދާ ބުނާކަށް ނުއެނގެއެވެ. މި މާލެ ސިޓީގެ މިސްކިތެއްގަ މިބަޔާންކުރި ފަދައިން އޭނާ ކަންކަންކުރާތާ މިހާރު 2، 3، 4 މަސްވަރުވެދާނެއެވެ. ކޮވިޑާއި މިވިޑްގައިވެސް އޭނާ މިސްކިތުގައި ޤަވާއިދުން ނަމާދުކުރިއެވެ.
އުފާވެރިޚަބަރަކީ މީގެ 3 ދުވަސްކުރިން ލިބުނު މެސެޖެވެ. އެދޭ ގޮތަށް ކަންތައްވާނެކަމުގެ މެސެޖެވެ. މިއަދަކީ އޭނާ ހަމަ ސަޖިދައިގައި އޮވެ ދެންނެވިގޮތަށް ޢޭނާގެ ބޭނުން ފުދިގެން ދިއަ ދުވަހެވެ. އޭނާ ރާއްޖެ އައި މަޤްޞަދު ޙާޞިލްވި ދުވަހެވެ! ވަޒީފާ ލިބި، ވަޒީފާ ހަމަޖެހި ވަޒީފާގައި މާލެއިން ރަށަކަށް ފުރި ދުވަހެވެ.
މީސްތަކުންނޭވެ! މިހިރީ ހަމަ ލޯމަތީގައި ހިނގަމުންދާ ކަންކެމެވެ. މި ވާހަކަތައް ޤަބޫލުކުރަން އުނދަގޫ އެއްވެސް މީހަކު ހުރިނަމަ މިއަދުނޫސް މެދުވެރިކޮށް ބައްދަލުކޮށްލާށެވެ! މިހާމަކުރި ޙަޤީޤަތަށް ހެކިދޭނެ އެތައް ބައަކު މިސްކިތުން ދައްކާނަމެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް