ﷲ ތަޢާލާ އަހުރެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ވަރަށް ބޮޑު ޚަޒާނާއެއް ދެއްވަވައިފައެވެ. ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ހުސްވުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ބޭނުންކުރިވަރަކަށް ވާނީވެސް އިތުރެވެ.
ﷲ ތަޢާލާ އަހުރެންނަށް ވަނީ އެޚަޒާނާއިން އަހުރެމެން ބޭނުންގޮތަކަށް ޚަރަދުކުރުމުގެ އިޚްތިޔާރުވެސް ދެއްވަވައިފައެވެ. ހަމައެކަނި ޝަރުޠަކީ ޢުމުރުހަމަވެ ﷲ ތަޢާލާގެ ޙަޟްރަތަށް އަނބުރައި އަހުރެން ގެންދެވުމުން އެއިގެ ބޭނުންހިފިގޮތް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.
މިހިސާބުން އުފެދޭނެ ސުވާލަށްވެސް ޖަވާބުދޭނަމެވެ. އެ ސުވާލަކީ އެޚަޒާނާއަކީ ކޮބައިތޯ ކުރާނެ ސުވާލެވެ. އެސުވާލުގެ ޖަވާބަކީ އެ ޚަޒާނާއަކީ އަހުރެންނަށް ދެއްވެވި ބުއްދިއެވެ. އަދި ސުވަރުގެ އާއި ނަރަކަ އާއި ދެތަނުން ބޭނުންތަނެއް އިޚްތިޔާރުކުރަން ދެއްވެވި އިޚްތިޔާރެވެ. ބުއްދީގެ ބޭނުންކޮށް އިޚްތިޔާރުގެ ބޭނުންކުރި ގޮތެވެ.
ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފިމީހަކަށް ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ދެއްވަވާނެތެވެ. އެމަތިވެރި ނިޢުމަތް ލިބިގަންނަން މަސައްކަތްނުކުރިނމަ ލިބޭނީ ގަދަފަދަ ޢަޛާބު ދެއްވަވާނެ ނަރަކައެވެ. އެކަމަށް އަމިއްލައަށް އިޢްތިރާފްވާން ޖެހޭނެއެވެ. ނަރަކައަށް ވައްދަވާ މީހުން ނަރަކައަށް ވަންނަނީ އެމީހުންގެ ކުށަށް އިޢްތިރާފްވެ ނަރަކަ އެމީހުންނަށް ޙައްޤުވާކަން ޤަބޫލުކޮށްތިބެގެން ކަމަށްވާކަމީ މިބުނި ބަހުގެ ދަލީލެވެ.
ވަރަށް ކުރުކުރު ގޮތަކަށް މިބުނެދިން ވާހަކަކޮޅަށް ވިސްނާށެވެ! ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
މަޢުލޫމާތު: ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން