ޙިޖާބް އަޅާތީ މީހަކު ވަޒީފާއެއް ނުދިނަސް ﷲ ތަޢާލާ ދެއްވަވާ ވަޒީފާ މާފުރިހަމަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޙިޖާބް އަޅާތީ މީހަކު ވަޒީފާއެއް ނުދިނަސް ﷲ ތަޢާލާ ދެއްވަވާ ވަޒީފާ މާފުރިހަމަވާނެ!

ޙިޖާބް އަޅާ އަންހެނުންނަށް ވަޒީފާ ލިބުމުގައި ހުރަސްތައް ކުރިމަތިވެއެވެ. ވަޒީފާ އަދާނުކޮށް އުޅެވޭކަށް ނެތެވެ. މިޙާލަތުގަ ޙިޖާބް ނެގުން ހުއްދަވާނެތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވުރެ ރަނގަޅު ވަޒީފާއެއް ނެތެވެ. އެއަސްވުރެ ފައިދާކުރާނެ ވަޒިފާއެއްވެސް ނެތެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް އޭނާގެ ބޭނުންތައް ދުނިޔޭގައިވެސް ކޮންމެވެސް މަގަކުން ފުއްދަވައި ދެއްވަވާނެތެވެ.  

ތިއަ މައްސަލަ ކުރިމަތިވި އަންހެނެކަށް މެދުވެރިވި ގޮތެއްގެ ވާހަކަވެސް ބުނެލާނަމެވެ. އޭނާ މޫނު ފޮރުވައިގެން ހުންނާތީ 2 އަހަރުވީއިރުވެސް ވަޒީފާއެއް ނުލިބެއެވެ. 3 ވަނަ އަހަރު ލިބުނީ ތަޤްވާވެރި އޯގާތެރި ފިރިއެކެވެ. އެވަޒީފާގައި އޭނާއެހުރީ ވަރަށް އުފަލުންނެވެ.  

ދެން ބުނެލަން އޮތީ މޫނު ނިވާކުރުން މަޖުބޫރު ނޫން ނަމަވެސް މޫނުނިވާކުރުމަށްފަހު ނެގުމަކީ ދީނުގައި ފަހަތަށް ޖެހުން ކަމަށެވެ. ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

މުސްލިމުންގެ މުޖުތަމަޢުތަކުގައިވެސް ޙިޖާބް އަޅައިގެން އުޅޭ އަންހެނުންނަށް ހުރަސްތައް އެބަހުއްޓެވެ. އަދި މުސްލިމް ނޫން މުޖުތަމަޢުތަކުގައި ހުރި ހުރަސްތައް ބޮޑެތިވެފައި ގިނައެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އޮތީ އުފާކުރުމެވެ. އެކަންކަމަށް ކުރިމަތިލައި ކާމިޔާބުކުރަން މަސައްކަތްކުރުން ވާނީ ﷲ ތަޢާލާގެ ދީނުގައި ޘާބިތުވެ ހުރުމަށް ކުރެވޭ ޖިހާދަކަށެވެ. ވީމާ ފުރުޞަތު ލިބިއްޖެނަމަ އޮތީ ޖިހާދުކުރުމެވެ.  

ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ﷲ ތަޢާލާގެ ދީނުގައި ޘާބިތުވެ ހުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ މަތިވެރި ޖިހާދެކެވެ. އެހެނަސް އެކަންކަން ނުވިސްނޭ ބައަކުވެސް ތިބޭތީ މިކިޔައިދެނީ ދާދިފަހުން ހިނގާފައިވާ ވަރަށް ހިތާމަވެރި ކަމެއްގެ ވާހަކައެވެ. 

އޭނާއަކީ ޙިޖާބް އަޅައިގެން އުޅޭ އަންހެނެކެވެ. އޭނާގެ ކާރަށް ކެމިކަލެއް ޖަހައި ގެއްލުން ދިނުމުން އެކަމަށް ބިރަށް އަމާންދީ ޙިޖާބް ވަނީ ނަގައިފައެވެ. ސުބްހާނަﷲ! 

ކާރު ދެއްވެވި ފަރާތަށް ޝުކުރުވެރިވުން ކޮބައިހެއްޔެވެ؟ ބިރުވެތިވުން ކޮބައިހެއްޔެވެ؟ އޭނާއަށް ދެއްވެވި ހުރިހާ ތަނަވަސްކަމެއް އަނބުރައި ގެންދެވުން ﷲ ތަޢާލާއަށް އެއްވެސް ކަމަކަށްވާނީ ހެއްޔެވެ؟ އެކާރު އެކްސިޑެންޓްވެ ފުނޑުފުނޑުނުވާނެކަމުގެ ޔަޤީންކަން ލިބުނީ ކޮންގޮތަކުން ހެއްޔެވެ؟  

ލޮބުވެތިކަނބަލުންނޭވެ! އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާނަމަ ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ތަކްލީފްތައް އުފުލަންޖެހޭނެއެވެ. ގެއްލުންތައްވެސް ލިބޭނެއެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް އަދި ފިރިމީހާގެ ކިބައިންވެސް ބައެއް ފަހަރު މިފަދަ ކަންކަން ބައެއްފަހަރު ކުރިމަތިވެދާނެއެވެ.  

އެފަދަ ކަންކަން ކިތަންމެ ވަރަކަށް ކުރިމަތިވި ނަމަވެސް އަޅައިވެސްނުލާށެވެ! ޖެހިލުން ނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަން ކުރިމަތިއެވަނީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވުމުންނެވެ. ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައި އެކަންކަން ކުރިމަތިކުރައްވަވަނީއެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑަށް ނިވާވާށެވެ! ކެތްތެރިކަމާއިއެކު ނަމާދުކުރުމުގައި ސާބިތުވާށެވެ! ނިކަމެތިކުރެވޭނެ މީހަކު ނުހުންނާނެއެވެ!

 

- މައުލޫމާތު: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން