ހެޔޮލަފާ އަންތބަކު ހަމަހުރެފަ ފޫއްސެއް ނުވާނެ! ފޫހިވާނީ ގަންނަން ނުޖެހި ދެވެން ހުރި މިއެއްޗެތި ނުދެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހެޔޮލަފާ އަންތބަކު ހަމަހުރެފަ ފޫއްސެއް ނުވާނެ! ފޫހިވާނީ ގަންނަން ނުޖެހި ދެވެން ހުރި މިއެއްޗެތި ނުދެވޭތީ!

"އަހުރެންގެ އަނބިމީހާއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް އެބަ ކޮށްދެމެވެ. ބޭނުންވާ ހުރިހާ އެއްޗެއް ދެމެވެ. އެކަމަކު އަނބިމީހާއަށް ބަދަލުތަކެއް އެބަ އައުދެއެވެ. އަނެއްކާ އެހެން މީހަކާ ހިތާވީނޫންބާވައެވެ!" 

މިފަދައިން ބުނި ޒުވާނަކަށް ޖަވާބުދެއްވަމުން ތަޖުރިބާކާރު ޢިލްމްވެރިއަކު ކުރެއްވީ ސުވާލެކެވެ. "ތިބާދޭ ހުރިހާ އެއްޗެއްގެ ތެރޭގައި ވަޤުތާއި ދެމަފިރިން އެކުގައި ކައިބޮއި އެކުގައި ނިދަން އޮށޯތުން ހިމެނޭ ހެއްޔެވެ؟"   

އޭނާއަށް ބުނެވުނީ ތިއަ ކަންކަމުގައި އިހްމާލުވެވޭކަމަށެވެ. ޢިލްމްވެރިޔާ ވިދާޅުވީ ދެން ތިއަދޭ އެއްވެސް އެއްޗެއް ނުދީވެސް ނިކަން "މިއެއްޗެތި" ދޭންފަށައިބަލާށެވެ! ހެޔޮބަދަލެއް ފެނުމަކީ ވަރަށް ގާތްކަމެކެވެ. އަދި ކުރިން ނުދެވުނީތީ މާފަށް އެދިއްޖެނަމަ ކުރާނެ ފައިދާ ބޮޑުވާނެ ކަމަށެވެ.  

އަހުރެން ޤަބޫލުކުރާ ގޮތުގައި ޢިލްމްވެރިޔާ އެވިދާޅުވީ ވަރަށް އަގުހުރި ބަސްފުޅެކެވެ. ގިނަ ބައަކަށް އިހްމާލުވެވެމުން އަންނަނީ އެކަމުގައެވެ. ޢިލްމްވެރިޔާ އެވިދާޅުވި "އެއްޗެތި" ދިނުމުގައެވެ. އެކަންކަން އިޞްލާޙުކުރުމުން އުފާވެރިކަން ލިބޭނެއެވެ.  

ހެޔޮލަފާ އަންތބަކު ލިބުމުން ފިރިން ތިބެނީ ވަރަށް އުފަލުންނެވެ. ހެޔޮލަފާ އަންތބަކު އަނބިން ތިމާއާއި ދުރުހެލިވާކަމަށް ޤަބޫލުކުރެވި ފިރިން މާޔޫސްވެއެވެ. ކަންބޮޑުވެއެވެ. އެކަން އެގޮތަށް ކުރިމަތިވާކަމަށް ޝައްކުކުރެވޭނަމަ ބަލައިލަންޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ. އެކަންކަމުގައި ތިމާގެ އަމިއްލަ އިހްމާލެއްވޭތޯ ނުވަތަ ނޫންތޯ ވިސްނައިލާށެވެ. 

ގިނަ ފަހަރު އަނބިންނަށް ފިރިމީހާ އާއި ދުރުހެލިވާން ފެށެނީ ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން އޭނާ ބާކީވާން އުޅޭކަމަށް ޤަބޫލުކުރެވެން ފެށުމުންނެވެ.  

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. އޮފީހުގައި ނުވަތަ މަސައްކަތުގައި އުޅެންޖެހޭ ވަޤުތުތައް ފިޔަވައި އެހެން ވަޤުތުތަކުގައި އަނބިމީހާ އާއިއެކ ކާން ގެއަށް ނުދާނަމަ ޝައްކު އުފެދޭނެއެވެ. ގެއަށް އައިސް އަނބިމީހާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނަށް ސަމާލުކަންދޭނަމަވެސް ޝައްކު އުފެދޭނެއެވެ. އެކުގައި ބޭރަށް ދިއުން މަދުކުރާނަމަވެސް ޝައްކު އުފެދޭނެއެވެ.  

ހެޔޮލަފާ ރަނގަޅު އަންހެނުން ކައިވެނިކުރުމަށްފަހު އެމީހުންގެ ހުރިހާ އެއްޗެއް ކަމަށް ބަލާނީވެސް ފިރިމީހާއެވެ. އެމީހުން ތިބެ އަބަދުހެން އިންތިޒާރުކުރާނީ ފިރިމީހާއަށެވެ. ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ލިބެން އިންތިހާއަށް ބޭނުންވާނެއެވެ.  

ޔޫރަޕްގެ ޤައުމުތަކުގައި އެކަން ތަފާތުވާނެއެވެ. ދެމަފިރިންކުރެ އެކަކަށްވެސް އަނެކަކު އެހައި މުހިންމެއް ނުވާނެއެވެ. ރޭގަނޑުވުމުން ދެމީހުންދާނީ ދެ ކްލަބަކަށެވެ. އެނބުރި އަންނާނީ ހިތްފުރައިގެންނެވެ. ވީމާ ބައިވެރިޔާގެ ކިބައިން އެދެންޖެހޭނެ ކަމެއް ނުއޮންނާނެއެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކަށް އެގޮތެއް ކަމަކުނުދާނެއެވެ. މައްސަލަ ޖެހެން މެދުވެރިވާ ސަބަބަކީ މުސްލިމުންގެ ގޮތުގައި ތިބެ ޔޫރަޕްގެ ދިރިއުޅުން އުޅެވޭތީއެވެ. އަހުރެމެންނަކީ މުސްލިމުން ކަމުގައިވާއިރު ދިރިއުޅުމުގެ ހުރިހާ ކަންކަންވެސް އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނަމަ މައްސަލަތައް މަދުވާނެއެވެ. ދެމީހުންނަށް އުފަލުގައި ތިބެގެން އެކުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން