އަންހެނަކަށް އަދާކުރެވޭނެ އެންމެ ފައިދާހުރި ވަޒީފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އަންހެނަކަށް އަދާކުރެވޭނެ އެންމެ ފައިދާހުރި ވަޒީފާ!

"އަހުރެން އަދާކުރަން އެންމެ ރަނގަޅު ވަޒީފާއަކީ ކޮބައިތޯ؟" މިއީ ބައްދަލުވާ ވަރަށް ގިނަ އަނަހެނުން ކުރިމަތިކުރުވާ ސުވާލެކެވެ. އަހުރެންގެ ޖަވާބަކީ ދަރިންނާއި ފިރިމީހާގެ ކަންކަން ރަނގަޅު ގޮތުގައި ބެލެހެއްޓުމެވެ. 

މީގެމާނައަކީ އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރުމެއް ނޫނެވެ. އާމްދަނީ ހޯދަން މަސައްކަތްވެސް ކުރަންވީއެވެ. ނަމަވެސް އެންމެ އިސް ވަޒީފާއަކީ ކުރިން މިބުނި ވަޒީފާކަމަށް ހަދައި އެކަންކަމަށް އިހްމާލުނުވެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އާޚިރަތް ކާމިޔާބުކުރެވެން އޮތީ އެއިރުންނެވެ. 

ދެން މިބަލައިލަނީ ކައިވެންޏަށްފަހު ދެމީހުންގެ މަސްއޫލިއްޔަތަށެވެ! 

ﷲ ތަޢާލާ ފިރިހެނުންނާއި އަންހެނުން އުފައްދަވާފައިވަނީ ތަފާތުކޮށެވެ. އެއްގޮތް ކުރަން އުޅުނަސް ޖިންސް ބަދަލުކުރަން އުޅުނަސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. ފިރިހެނަކު އަންހެނަކަށްވާން މަސައްކަތް ކުރިނަމަވެސް ޙައިޟެއް ނުވެވޭނެއެވެ. އަދި ދަރިމައެއްވެސް ނުވެވޭނެއެވެ. ގާތުން ކިރެއްވެސް ނުދެވޭނެއެވެ. 

މިކަންކަމުން އަންގައިދެނީ އަންހެނުންނާއި ފިރިހެނުންގެ މަޤާމާއި ޙައިޞިއްޔަތަކީ މުޅިން ތަފާތު ދެކަމެއް ކަމެވެ. ވީމާ ޒަވާޖީ ޙަޔާތެއް ފަށައިގެން ކުރިއަށް ގެންދާނަމަ ދެމީހުންވެސް ތިބެންޖެހޭނީ ދެމީހުންގެ މަޤާމާއި ހައިޞިއްޔަތުގައެވެ. ފިރިހެނާއަށް އޮތީ އޭނާގެ ވާޖިބުތައް އަދާކުރުމެވެ. އަންހެނަކަށް އޮތީ އޭނާގެ މަޤާމާއި ޙައިޞިއްޔަތު އަދާކުރުމެވެ. 

މިޒަމާނުގައި އަންހެނުންވެސް މަސައްކަތްކޮށް (ވަޒީފާއަދާކޮށް) އާމްދަނީ ހޯދިނަމަވެސް ދިރިއުޅުމަށް ބޭނުންވާ ޚަރަދުތައް ކުރުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. އަދި އަންހެނުން ވަޒީފާ އަދާކުރިނަމަވެސް ދަރިންބެލުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާއަކީ އަންހެނުން އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެކެވެ. 

ދެމަފިރިން ބޭނުންވާނަމަ ކަންކަމަށް ހެޔޮ ބަދަލުތައް ގެންނަން މަސައްކަތްކުރަންވީއެވެ. ދެމަފިރިން ރުހޭ ގޮތަކަށް، އެއްބަސްވެވޭ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންވީއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ކުރިން މިބަޔާންކުރި ފަދައިން ދެމީހުންވެސް އެމީހެއްގެ ޒިންމާ އަދާކުރަންޖެހޭނެއެވެ. އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނެއެވެ. 

ފިރިން ވިސްނާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުގެ ޒިންމާއަކުން ނުނެއްޓެވޭނެއެވެ. ފިރިހެންދަރިން މިސްކިތަށް ގެންގޮސް ނަމާދުކުރަން އަހުލުވެރިކުރުވުމުގެ ޒިންމާއަކުން ނުނެއްޓެވޭނެއެވެ. އަދި އަންހެން ދަރިންލައްވައި ގޭގައި ނަމާދުކުރުވާކަން ބެލުމުގެ ޒިންމާވެސް އުފުލަންޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން