ބޮޑުދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާ ފަދައިން ތިބާއަށް ސުވަރުގެ ލިބުމަށް ހުރަސްއަޅާ ދައްޖާލުންގެ ފިތުނައިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ބޮޑުދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާ ފަދައިން ތިބާއަށް ސުވަރުގެ ލިބުމަށް ހުރަސްއަޅާ ދައްޖާލުންގެ ފިތުނައިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަންޖެހޭނެ!

ރަނގަޅަށް ވިސްނާށެވެ! ދީން ދޫކުރަން އަމުރުކޮށް އުޅުނީ އިސްލާމް ދީން ފެތުރިގެން އައި ދުވަސްވަރު މީހަކު އިސްލާމްވުމުންނެވެ. ޝައިޠޯނާ ކުރިއަރައި މާ ވަރުގަދަ ޓެކްނޮލޮޖީއެއް ހޯދައިފިއެވެ. އެއީ މުސްލިމުން ލައްވައި ފާފަތައް ކުރުވުމެވެ. މުސްލިމުންގެ ގާތުގައި މިއަދު ފާފަތައް ކުރަން ބުނަނީ އިންސާނުންގެ ސިފައިގައި ތިބޭ، އިންސާނުންނެވެ. ޝައިޠޯނާގެ ބައިވެރިންނެވެ. ދައްޖާލުންނެވެ!  

ތިބާގެ ދީނާއި ދުރުކުރުވަން އުޅޭ މީހުންނާއި ދުރުހެލިވާން ބުނުމުން "އެމީހުންނަކަށް އެކަމެއް ނުކުރެވޭނެ! އަހުރެން މިހުރީ ދީނުގައި ޘާބިތުވެގެން! ގުޑުވައެއް ނުލެވޭނެ!" ކަމަށް ބުނާ މީހުން އުޅެއެވެ. އެހެން ބުނެފައި ހަމައެމީހާގެ ވަސްވާސްތަކަށް ހެއްލި ފާފަތައް ކުރެވުމުން މިކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އެދެވެނީ ދީނާއި (ސުވަރުގެއާއި) ދުރަށް ނޫން ހެއްޔެވެ؟ ކައިރި އެވެވެނީ ނަރަކައާއި ނޫން ހެއްޔެވެ؟  

ފަހުޒަމާނުގެ ޢަލާމާތްތައް ފެންނަމުން މިއަންނަ ތަރުތީބަށްބަލާއިރު، ބޮޑު ދައްޖާލު އެހައި އަވަހަށް ފައުޅު ނުވާނެ ކަމަށް ބެލެވޭއިރު އޭތީގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ފުޢާކުރަން ނުޖެހޭނެކަމަށް ބައެއް މީހުން އެބަ ބުނެއެވެ. އެއީ ރަނގަޅު ވާހަކައެއްތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނީ ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި އެކަމަށް އެދި ދުޢާކުރަން އައިސްފައި އެއޮތީ މީގެ 1450 އަހަރުވަރުކުރިންނެވެ. އަދި ކަހަފް ސޫރަތުގެ އާޔަތްތައް ދަސްކުރަން ޙަދީޘްފުޅުކުރެއްވެވީވެސް އެއިރުއެވެ. ވީމާ އެއިރުންސުރެ މުސްލިމުން ކުރަމުންއަންނަކަމެއް، ޙަދީޘްފުޅުތަކުން އެނގި ޘާބިތުވާކަމެއްގައި ތިއަ މީހަކަށް ތިއަ ގެންގުޅެވެނީ ރަނގަޅު ވިސްނުމެއް ނޫނެވެ. 

އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދައްޖާލު އަރައިފާނެތީ އެންމެންވެސް ކަން ބޮޑުވެއެވެ. ވަރަށް ގިނަ ބައަކު  ދައްޖާލު ފައުޅުވެދާނެ ވަގުތާއިމެދު ކަންބޮޑުވެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ނަމާދުގެ ފަހު އައްޙިއްޔާތުގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް ކިޔަން އޮންނަ ދުޢާ ކިޔާއިރު މިކިޔެނީ ކީކޭކަންވެސް ހިތަށް އަރުވަނީ ވަރަށް މަދު މީހެކެވެ. ވީއިރު ދައްޖާލު ފައުޅުވެދާނެތީ ކަންބޮޑު އެބަ ވެވޭހެއްޔެވެ؟

އެދުޢާގައި ހިމެނެނީ ހަމައެކަނި ފައުޅުވާން އޮތް ދައްޖާލުގެ ވާހަކަ އެކަންޏެއް ނޫނެވެ. މިދުނިޔޭގައި އިސްލާމް ދީނާއިމެދު ފިތުނަ އުފައްދަމުން މިހިނގާ އެންމެންނަކީވެސް ދައްޖާލުންނެވެ. އެ ދައްޖާލުން އުފައްދާ ފިތުނައިން ސަލާމަތްކޮށް ދެއްވެވުންވެސް ދުޢާގެ މާނައިގައި ހިމެނެއެވެ. އެތައް ހާސް ދައްޖާލުން މިހާރުވެސް މިވަނީ ފައުޅުވެފައެވެ. އެގެންދަނީ ފިތުނަ އުފައްދަމުންނެވެ. މީސްތަކުން އިސްލާމް ދީނާއި ދުރަސް ޖައްސުވަން މަސައްކަތްކުރަމުންނެވެ. އަހަރެމެންނަށް އެބަ ބިރުގަނެވޭ ހެއްޔެވެ؟ ބިރު ނުގަނެވޭތަނުގައި ފެންނަނީ ދައްޖާލުންތަކުގެ އައުވާނުންނަށްވެގެން އުޅެވޭ ތަނެވެ. 

މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހާޞިލު ނުކުރެވޭނެ ކަންކަމާއިމެދު ވިސްނުމެވެ. ބޭކާރު ކަންކަމާއިމެދު ކަންބޮޑުވުމެވެ. ހަމަ އެއާއިއެކު ތިމާއަށް ކުރެވެން ހުރި އަދި ތިމާ ކުރަންޖެހޭ ކަންކަން ކުރުމަށް ފަރުވާ ކުޑަކުރުމެވެ.  

ދައްޖާލު އަރައިފާނެތީ ކަންބޮޑުވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ދައްޖާލު އެރުމުގެ ވަގުތު ޖެހުމުން ދައްޖާލު ފައުޅުވާނެއެވެ. ކުރަންއޮތް ކަމަކީ ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ކުރަންޖެހޭ ދުޢާ ކުރުމެވެ.

 

- ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން

 

މިއަދު އޮންލައިން