ދުޢާކުރި ބޭނުން ފުއްދަވައި ދެއްވެވުމުގެ އިތުރުން އާޚިރަތްވެސް ދެއްވަވާނެ މީހަކަށްވާން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދުޢާކުރި ބޭނުން ފުއްދަވައި ދެއްވެވުމުގެ އިތުރުން އާޚިރަތްވެސް ދެއްވަވާނެ މީހަކަށްވާން ބޭނުންތަ؟

ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާ ދެއްވެވިއެވެ. ދީނުގައި ޘާބިތުވެވަޑައިގެން ހުންނެވޭނެ ކަމުގެ ޔަޤީންކަންވެސް ﷲ ތަޢާލާ ދެއްވެވިއެވެ. އެހެންކަމާއިއެކުވެސް ދުޢާކުރުން ގިނަކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކަށްޓަކައެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ހޯއްދެވުމަށެވެ.  

މިއަދު އަހުރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ދުޢާކުރަން ހަނދާންވަނީވެސް ކަމެއް ކުރަން މަސައްކަތްކުރަމުން ގޮސް ގޮތްހުސްވުމުންނެވެ. އެކަމެއް ޙާޞިލުނުކުރެވުމުންނެވެ. އެހެންވެ ފުރަތަމަވެސް ބަޔާން މިކުރީ އެއީ އެކަން ކުރަން އޮތް ގޮތް ނޫންކަމެވެ. މިދެއްކީ އެކަމުގެ ހެއްކެވެ.  

ދުނިޔަވީ މިޘާލެއް ދައްކާނަމެވެ. ކޮންމެ މީހަކުވެސް ދަންނަ ވަރަށް ގިނަ ބައަކު ތިބޭނެއެވެ. ދަންނަ އެންމެންނާއި ގުޅުން އޮންނަނީ އެއްވަރަކަށް ނޫނެވެ. ގުޅުން އިތުރަށް ބަދަހިކޮށްދޭ ވަސީލަތަކީ ދެމީހުންގެ މެދުގައި މުޢާމަލާތުކުރުމެވެ. ކުރެވޭ މުޢާމަލާތުތަކެވެ. މުޢާމަލާތުކުރުން ގިނަކުރެވޭ ވަރަކަށް ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ.  

ދެން ބަލައިލަންވީ އެންމެ އުފާވެރިކަންމަތީގައި ދިރިއުޅެވޭ ދެމަފިރިންނަށެވެ. އެންމެ އުފާވެރިކަންމަތީގައި ދިރިއުޅެވެނީވެސް އެންމެ ގިނައިން މުޢާމަލާތުކުރާ ދެމަފިރިންނަށެވެ. އެފަދަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޙައްލުކުރަންވެސް ފަސޭހަވާނެއެވެ. އަދި އަނެކާގެ ބޭނުންތައް ދެނެގަންނަންވެސް ފަސޭހަވެގެންދާނެއެވެ.  

ދެން ބަލައިލަންވީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި މުޢާމަލާތުކުރުމަށެވެ. އެކަން އަހުރެމެން މިކުރަނީ ނަމާދުގައެވެ! އަހުރެމެންގެ ދުޢާގައެވެ! ކޮންމެ ކަމަކަށް ބޭނުންވިއަސް ދުޢާކުރަން ދީނުގައި އޮތީ އެހެންވެގެންނެވެ. އަދި ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ކީރިތި ޤުރްއާން ކިޔަވައި ޢަމަލުކުރުމަކީވެސް މުޢާމަލާތުކުރުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ހަޟްރަތާއި ތިމާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާނަމަ، ދުޢާކުރުން ގިނަކުރާށެވެ. އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުމާއި ރުހިވޮޑިގަތުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

ދުޢާކުރަންޖެހޭ ޚާއްޞަ ކަމެއް ނެތްނަމަ ފާފަފުއްސަވައި ދެއްވެވުން އެދިނަމަވެސް ދުޢާކުރުން ގިނަކުރާށެވެ! ގިނަގިނައިން އަސްތަޣްފިރުﷲ ކިޔަމުން ގެންދާށެވެ! އެކަމުގެ ފައިދާ އެމީހަކަށް އޮއްސަވާނެތެވެ. ދެދުނިޔޭގައިވެސްމެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން