ފާފަކުރާ މީހުން ގިނަވެއްޖެނަމަ ﷲ ތަޢާލާގެ ކޯފާ ޙައްޤުވެ އެންމެންނަށް މުޞީބާތްތައް ކުރިމަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފާފަކުރާ މީހުން ގިނަވެއްޖެނަމަ ﷲ ތަޢާލާގެ ކޯފާ ޙައްޤުވެ އެންމެންނަށް މުޞީބާތްތައް ކުރިމަތިވާނެ!

އުންމަތްތަކުގެ ތެރެއިން އެންމެފަހުން ފޮނުއްވެވުނު އުންމަތަކީ އަހުރެމެންގެ އުންމަތެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތެވެ. އެކަމަކު އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާނީ މިއުންމަތުގެ މީހުންނެވެ. ސުވާލަކީ އެމަތިވެރި ދަރަޖަ ދެއްވެވުމުން އަހުރެމެންނަށް އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟ 

އަހުރެމެން މުސްލިމުން އެއްވެސް ކަމެއްގައި ތިމާއަކީ ވަކި މީހަކު ކަމަށް ބަލައިގެން އެއްވެސް ކަމެއްކޮށްގެން ނުވާނެއެވެ. އަހުރެމެންނާއިމެދު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އުންމަތެއްގެ ގޮތުގައެވެ. މާޒީގައި ހިނގާފައިވާ ކަންކަމުން އެކަން ރަނގަޅަށް އެނގޭނެއެވެ.  

ﷲ ތަޢާލާ ރަޙްމަތާއި ބަރަކާތް ލައްވަވަނީ އުންމަތަށެވެ. އުންމަތުގެ އެންމެންވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ރަނގަޅު ގޮތުގައި އުޅެން އޮތީ އެހެންވެގެންނެވެ. އަދި ﷲ ތަޢާލާ ކޯފާއެއް ފޮނުއްވަވާނަމަވެސް ފޮނުއްވަވަނީ އުންމަތަށެވެ. ނުބައި ޢަމަލުތައް ނުކުރަންވީ އެހެންވެގެންނެވެ.  

ބޮޑެތި ފާފަތައްކޮށްފައި އެއީ ތިބާއާއި ބެހޭ ކަމެއް ނޫންކަމަށް ބުނެގެން ފުއްދައިލެވެންނެތީ އެހެންވެގެންނެވެ. އެހެން ބުނުމުގެ ޙައްޤު މުސްލިމުންނަކަށް ނެތެވެ. މީހަކު ފާފައެއް ކުރާނަމަ އެކަމެއް ހުއްޓުވަން މަސައްކަތްކުރަން ދެން ތިބި މުސްލިމުންނަށް ވާޖިބު ކުރައްވަވާފައިވަނީވެސް އެހެންވެގެންނެވެ.  

މީސްތަކުންނޭވެ! މީހަކު ކުރިކަމެއްގެ ފާފަ އެހެން މީހެއްގެ ބޮލުގައި އަޅަން ނުޖެހުމަކީ ކުރާފާފަތަކަށް ﷲ ތަޢާލާ ލައްވަވާ ކޯފާ، ފާފަ ނުކުރާ މީހުންނަށްވެސް ނުފޯރާނެ ސަބަބެއް ނޫނެވެ. ވީމާ ތިމާއަށް ފާފައެއް ކުރެވޭހިނދު ހެޔޮ ނަޞޭޙަތް ދިނުމުން ނަޞޭޙަތްދިން މީހާއަށް ރުޅިއައިސް ނުބައިބަސް ނުބުނާށެވެ. އޭނާ އެ މަސައްކަތްކުރަނީ ތިބާ އާއި މުޅި އުންމަތް ﷲ ތަޢާލާގެ ކޯފާއިން ސަލާމަތްކުރެވޭތޯއެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން