ސިފަ ރީތިނުވެގެން ކަންބޮޑުނުވާށެވެ! ކައިވެނިކުރަން އެންމެ ރަނގަޅީ ސިފަ އެހައި ރީތިނޫން މުރާލި މީހުންނާއިއެވެ! ސަބަބުތައްވެސް މިހިރީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސިފަ ރީތިނުވެގެން ކަންބޮޑުނުވާށެވެ! ކައިވެނިކުރަން އެންމެ ރަނގަޅީ ސިފަ އެހައި ރީތިނޫން މުރާލި މީހުންނާއިއެވެ! ސަބަބުތައްވެސް މިހިރީ!

ކައިވެނިކުރަން އެންމެ ރަނގަޅީ ކޮން ސިފައެއް ހުންނަ މީހަކާތަ؟  

މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. ބައެއް މީހުންނަށް އެމީހުންގެ ރަހަ އޮޅުންފިލުވައިގެން ތަފާތު ޖަވާބުވެސް ދެމެވެ. އެކަމަކު ކޮންމެ މީހެއްގެ ގާތުގައިވެސް އަހުރެން ބުނަމެވެ. ސިފަ އެހައި ރީތިނޫން މުރާލި މީހަކާއި ކައިވެނިކުރާށެވެ!  

އެގޮތަށް ބުނާ ސަބަބުވެސް ބުނެލާނަމެވެ. ސިފަ ރީތިނަމަ އެމީހެއްގެ ފަހަތުން ގިނަ ބައަކު ދުވާނެއެވެ. އެމީހެއްގެ ވަށައިގެން ގިނަ ބައަކު އެނބުރޭނެއެވެ. އެއިރުން ގޯޅި އެޅުން ފަސޭހަވެއެވެ. އެކަން ގިނަ ބައަކު އަންނަނީ ތަޖުރިބާކުރަމުންނެވެ. އެއިގެ ބަދަލުގައި ސިފަ ތަންކޮޅެއް ހުތުރުނަމަ ވަށައިގެން އެނބުރޭ މީހުން މަދުވާނެއެވެ. ގޯޅިއަޅަން ލިބޭ ފުރުޞަތުތައް މަދުވާނެއެވެ.  

އެކަމުގެ ސަބަބުން ދެންކުރާ ފައިދާއަކީ ގިނަ މީހުން އަޅައިގަނެ ފަހަތުން ނުދުވާނަމަ އެކަން އެމީހަކަށްވެސް އިޙްޞާޞްކުރެވި ތިމާއަށް ލިބުނު ބައިވެރިޔާ ރުއްސައިގެން އެކުގައި އުޅެން ބޭނުންވެ އެކަމަށް މަސައްކަތްކުރާނެއެވެ.  

ދެން އޮތީ މުރާލިވުމެވެ. އަނބިމީހާއަކީ ގޭގައި އިންނަ މީހަކުނަމަ ގޭތެރޭގެ މަސައްކަތްކުރެވޭނީވެސް މުރާލިވެގެންނެވެ. ފިރިމީހާއަށް އާމްދަނީ ހޯދަން ހީވާގިކަމާއިއެކު މަސައްކަތްކުރެވޭނީ މުރާލިވެގެންނެވެ.  

ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. މުރާލިކަމާއިއެކު ދުވާލު މަސައްކަތްކުރާނަމަ ދުވަސްނިމޭއިރު ހުންނާނީ ވަރުބަލިވެފައެވެ. ވީމާ ރޭގަނޑުގެ ވަޤުތުތައް ބޭކާރުގޮތުގައި ނަގާލަން ފުރުޞަތުކުޑަވާނެއެވެ. ބޭނުންވާނީ އަވަހަށް ނިދާށެވެ. އެއިރުން ދެމަފިރިން އެކުގައި ނިދުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އެކަމުގެ ފައިދާ ދިރިއުޅުމަށް ކުރެއެވެ.  

މިނޫން ސަބަބުތައްވެސް އެބަހުއްޓެވެ. މިވަރުންވެސް ސުވާލުކުރާ މީހުންނަށް ޖަވާބަކަށް ފުދޭނެ ކަމަށް ހީކުރަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން