ސުވަރުގެ އެދޭމީހާ ކޮންމެ ކަމެއް ކުރުމުގަވެސް ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ސުވަރުގެ އެދޭމީހާ ކޮންމެ ކަމެއް ކުރުމުގަވެސް ސަމާލުކަންދޭންޖެހޭ ކަމެއް!

ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބުނުމުން ތިމާއަކީ އަަބދުވެސް ކޮންމެވެސް ކަމެއް ކުރާ މީހަކު ކަމަށް ބުނާ ބައަކު އުޅެއެވެ. އެމީހުންނަށް ބުނެލަން އޮތީ ކޮންމެވެސް ކަމެއް ކުރުމަކީ ސުވަރުގެ ވަދެވެން އޮތް ކަމެއް ނޫނެވެ. ސުވަރުގެ ވަދެވެން އޮތީ ތިމާއަށް ސުވަރުގެ ވަދެވޭނެ ކަންކަން ކުރުމުންނެވެ. ސުވަރުގެ ވައްދަވާނެ ޢަމަލުތައް ކުރަން ވަޤުތު ހޭދަކުރުމުންނެވެ.

މިއަދު ދުނިޔޭގައި ގިނަ ބައަކު އެންމެ ގިނަ ވަގުތު ހޭދަކުރަނީ ތިމާއަށް ފައިދާ ނުކުރާނެ ބޭކާރު ވާހަކަތައް ދެއްކުމަށާއި ކުޅިވަރުކުޅުމަށާއި ޓީވީ ބެލުމަށާއި އެފަދަ ކަންކަމަށެވެ. ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކުޅިވަރުތައް ކުޅުމާއި ހުއްދަ ކުރެއްވެވި ފިލްމް ބެލުމަކީ ފާފައެއް ކަމަކަށް ނުބުނަމެވެ. އަދި އެކަންކަން ނުކުރާކަށްވެސް ނުބުނަމެވެ. 

ނަމަވެސް ބުނަން އޮތީ ﷲ ތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވީ އެކަންކަން ކުރަން ނޫން ކަމަށެވެ. ތިބާ ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާއަށް އަޅުކަންކުރަން ކަމަށެވެ. ވީމާ ފުރަތަމަ ކަމަކަށް، ނުވަތަ އެންމެ އިސްކަން ދޭން ޖެހޭނީ ﷲ ތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ޙާޞިލުކުރުމަށެވެ. ތިބާ ބޭނުންވާ ކަންކަން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ. ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް ފަހުގައެވެ. 

މިގޮތަށްވެސް ވިސްނައިލާށެވެ! އެކަމެއް ކުރުމުން ފާފަވެރިނުވާނެ ކޮންމެ ކަމެއް ކުރުންވެސް ހުއްދައެވެ. ނަމަވެސް ކުރާ ކަންކަމުން އާޚިރަތަށް ފައިދާކުރާނީ ﷲ ތަޢާލާ އެކަންކަން ކުރަން އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ. 

ޓީވީ ބަލާށެވެ! އެކަމަކު ބަލަންވީ މުނިފޫހި ފިލުވުމުގެ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ދިރިއުޅުމަށާއި އާޚިރަތަށް ފައިދާކުރާނެ ކަންކަމެވެ. މުނިފޫހިފިލުވުމުގެ މަންޒަރުތައް އަބަދުވެސް ފެންނަ ފަދައިން ދުނިޔެއާއި އާޚިރަތަށް ފައިދާކުރާނެ ޗެނެލްތައްވެސް 24 ގަޑިއިރު އެހުރީ ފެންނާށެވެ! 

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. ދަރިންނަށް ކާންދޭ ވަޤުތު ބައެއް ބެލެނިވެރިން ދަރިންނަށް ޓީވީ ދައްކައެވެ. އެކަންވެސް ނުކުރާކަށް ނުބުނަމެވެ. ބުނެލަން ބޭނުންވަނީ ދަރިފުޅުގެ ފުރާނައަށް ފައިދާކުރާނެ އެއްޗެއް ދެއްކުމަށެވެ. ޢިބްރަތްތެރި ވާހަކަތަކާއި ދީނީ ނަޞޭޙަތްތައްވެސް މިއަދު ކާޓޫގެ ގޮތުގައިވެސް ފެންނަން އެބަހުއްޓުވެ. އެފަދަ ތަކެތި ދެއްކީމާ ދަރިފުޅަސް ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން