ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި ދިރިއުޅުމުގެ ދެވަނަ މާނައަކީ މައްސަލައެވެ. ގޮންޖެހުނަތައް ކުރިމަތިވުމެވެ. އެއީ ދިރިއުޅުމުގައި މައްސަލަތަކާއި ގޮންޖެހުންތައް އަބަދުވެސް ކުރިމަތިވާނެތީއެވެ.
އެކަން އެގޮތަށް ޤަބޫލުކުރާ އަންހެނުންވެސް ވަރަށް ގިނައެވެ. ތަޢުލީމީ ގޮތުން ކުރިއަރައިގޮސް ހޭލުންތެރިކަން އިތުރުވުމުން މިފަދަ ޙަޤީޤަތްތައް ޤަބޫލުކުރަން މިހާރުގެ އަންހެނުންނަށް އުނދަގުލެއް ނޫނެވެ.
އެހެންވެ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރު ހޭލުންތެރި އަންހެނުން ބޭނުންވަނީ އެމީހަކާއި އެއްވެސް މައްސލައެއް ނުޖެހޭނެ ފިރިއެއް ނޫނެވެ. މައްސަލައެއް ޖެހުމުން ވަރިފަށަށް ނާރައި އެމައްސަލަ ޙައްލުކޮށް ކައިވެނި ދަމެހެއްޓުމުގެ ޤާބިލުކަން ހުރި ފިރިއެކެވެ.
އެހެންވެ ބައެއް ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި މާއްދާއެއްގެ ގޮތުގައި ޒަވާޖީޙަޔާތް އެބަ ކިޔަވައިދެއެވެ. އެމާއްދާގެ ތެރެއިން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙަލުކުރާނެ ގޮތްވެސް ކިޔަވައިދެއެވެ. އެކަމަށް އަހުރެން ވަރަށް ބޮޑަށް ތަރުޙީބު ދެމެވެ. ތަރުޙީބުދޭ ސަބަބަކީ "މައްސަލަ، މައްސަލަ" ކިތަންމެ ގިނައިން ކިޔުމަކީ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނެ ސަބަބަކަށް ނުވެފައި ޙައްލުކުރެވޭނީ ޙައްލުކުރަން އެނގިގެންކަމަށްވާތީއެވެ. އެކަމަށް ހޭލުންތެރިކުރުވައިގެން ކަމަށްވާތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން