ދީނަށް ޢަމަލުކުރަން ހުރަސް ނޭޅޭނަމަ، ބޮޑެތި އަނިޔާ ނުލިބޭނަމަ ކެތްތެރިވެލުމުން ގިނަ ކައިވެނިތައް ނުރޫޅި ސަލާމަތްކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދީނަށް ޢަމަލުކުރަން ހުރަސް ނޭޅޭނަމަ، ބޮޑެތި އަނިޔާ ނުލިބޭނަމަ ކެތްތެރިވެލުމުން ގިނަ ކައިވެނިތައް ނުރޫޅި ސަލާމަތްކުރެވޭނެ! އިން ޝާ ﷲ

އެއްވެސް ވަރަކަށް ކެތްތެރިނުވާންވީ ދެ ޙާލަތެއް އެބަ އޮތެވެ. އެއީ އިސްލާމް ދީނަށް ޢަމަލުކުރަން ހުރަސްތައް ކުރިމަތިވުމާއި ކެތްތެރިނުވެވޭވަރުގެ ބޮޑެތި އަނިޔާތައް ލިބުމެވެ. މިއިން ޙާލަތެއްގައި ކެތްތެރިވުމަކަށް ނުބުނާނަމެވެ. އެއީ އެކަމުން ލިބިދާނެ ގެއްލުން ބޮޑުކަމުންނެވެ. 

ކޮންމެ ހެޔޮ ކަމަކަށް 10 ޘަވާބުން ފެށިގެން ﷲ ތަޢާލާ އިރާދަކުރައްވަވާވަރަކަށް ޘަވާބު ދެއްވަވާކަން އަހުރެމެންނަށް އެބަ އެނގެއެވެ. އެކަމަކު މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ! 

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި ﷲގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތިއެވެ."

(އައްޒުމަރް: 10) 

އަހުރެމެންނަށް މިއަދު މިއުޅެވެނީ ކިހިނަކުންހެއްޔެވެ؟ ކިރިޔާވެސް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވެއްޖެ ނަމަ ހިނދުކޮޅަކަށްވެސް ކެތްތެރިވެނުލެވިގެން އުޅޭއިރު މިއާޔަތުގައި އެއޮތީ " ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތި" ކަމަށެވެ. 

ގިނަ ބައެއްގެ ކައިވެނިތައް ރޫޅެމުން މިދަނީވެސް ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ކެތްތެރިވެ ނުލެވޭތީއެވެ. މާއަވަހަށް ގޮތް ނިންމޭތީއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެ ކަމެއްގައިވެސް ކެތްތެރިވެލައިފިނަމަ އެމީހަކަށް ﷲ ތަޢާލާ އިމެއްނެތި ޘަވާބާއި ދަރުމަ ދެއްވަވާނެކަން އެގޭއިރު މިހައި ބޮޑަށް ކެތްތެރިކަން ކުޑަވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

ކައިވެނިނުކޮށް ހުންނަ މީހާއަށްވެސް ކަންކަން ކުރިމަތިވާނެއެވެ. ކައިވެނިކޮށް ޒަވާޖީ ޙަޔާތެއް ހޭދަކުރަމުން އަންނަ މީހުންނަށްވެސް ކަންކަން ކުރިމަތިވާނެއެވެ. ތިމާ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރިމަތިވާއިރަށް މޫނު އަނބުރާލަން އަވަސްވެގަންނަ މީހަކަށް ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސް ކަމަކުން އަރައިގަންނަން ފަސޭހައެއް ނުވާނެއެވެ. 

ކެތްތެރިވެލަންވީ ބައިވެރިޔާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ތިމާއަށް ދެއްވަވާނެ ޘަވާބާއި ދަރުމައަށް އެދިގެންނެވެ. ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އެކަމުން ލިބޭ ކުރިއެރުން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން