އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ކުނބުރުދޫގައި ބޭއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ކުނބުރުދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫގެ ޞިއްޙީ މަރުކަޒަށް މި އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
8.17 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، އަލަށް އިތުރުކުރެވޭ އިމާރާތުގެ އިތުރުން ގަރާޖަކާއި ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކުރެވިފައެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން، ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.