އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ޚިދުމަތް ފަށައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނބުރުދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވުމަށްފަހު، ހަނދާނީ ބޭންކު ކާޑެއް ވަނީ އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުނބުރުދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ކުނބުރުދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އެރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުޞަތެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.