ޔުމްނު ވެއްޓުނު ހާދިސާގައި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޔުމްނު ވެއްޓުނު ހާދިސާގައި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާތައް މިހާރު ވަނީ ރިވިއުކޮށް، އެސްއޯޕީތަކަށް މުވައްޒަފުން އަހުލުވެރިކުރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގެ ތަހުގީގަށް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، "އެ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއޫދު އަހުމަދުގެ ބަޔާން ނެގިފައިވާ" ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓަކުން ޔުމްނު ވެއްޓުނު މައްސަލައިގައި، ތުހުމަތުތައް ކުރެވުނީ އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ކުރެވުނީ ގަސްދުގައި ޔުމްނު ވައްޓާލީ ކަމުގެ ތުހުމަތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ޔުމްނުގެ ބަޔާން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. މީގެކުރިން ވެސް ފުލުހުން އެކި ފަހަރު މަތިން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ އާއިލާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީ އެކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން