ކުނބުރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކުނބުރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫގެ ރައްޔިތުންނަށް މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ލަފާފުރުމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ލަފައިފުރުމަށް ފަސޭހަވެ، އުޅަނދުތައް އަޅާފައި ބެހެއްޓުމަށް ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 28,740.90 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 444 މީޓަރުގެ އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 20 މީޓަރުގެ ނެރު ބޭރުތޮށި، 246 މީޓަރުގެ ބަނދަރު ބޭރުތޮށި، އަދި 38 މީޓަރުގެ މޫދު އަޑިއަށް ވާ ގޮތަށް ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

67.41 މިލިއަން ރުފިޔާގެ މި މަޝްރޫޢު 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 16 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 2945 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން