ރައީސް މަންދޫއަށް ވަޑައިގަތުމުން ހޫނު މާރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސް މަންދޫއަށް ވަޑައިގަތުމުން ހޫނު މާރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ 10 ވަނަ މަންޒިލް ކަމުގައިވާ މަންދޫއަށް މިއަދު ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މަންދޫއަކީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާފައެވެ.

މަންދޫގައި ހޭދަކުރައްވާ ވަގުތުކޮޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަންދޫގެ އާންމު ރައްޔިތުންނާވެސް ބައްދަލުކުރައްވާ، އެ ރަށުގެ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން