މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަ ވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަ ވާލުކޮށްފި

އދ. މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢުއެވެ.

510 މީހުންގެ އާބާދީއެއް އޮންނަ މަންދޫއަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އައު ސްކޫލް އިމާރާތަކީ ރަށުގެ ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް އިތުރުވެގެންދާނެ މުހިންމު ވަސީލަތެކެވެ.

މި މަޝްރޫޢުގެ ދަށުން، 3 ފަންގިފިލާގެ އިމާރާތެއްގައި 6 ކްލާސްރޫމާއި މަލްޓި ޕާރޕަސް ހޯލެއް އިމާރާތްކުރެވޭނެއެވެ. 16.95 މިލިއަން ރުފިޔާގެ މި މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަންދޫ ކައުންސިލްގެ މެންބަރުންނާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން