ބޭންކް އޮފް މޯލްޑިވްސްއިން އަރިއަތޮޅު ދެކުނުބުރީ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު އެ އަތޮޅުގެ އެންމެފަހު ރަށް ކަމުގައިވާ މަންދޫގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް މަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވެއެވެ. "އދ. އަތޮޅަކީ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އަޅުގަނޑުމެންގެ ޚިދުމަތްތައް މުޅި އަތޮޅަށް ފުޅާކުރުމުން މި އަތޮޅުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.
2000 ވަނަ އަހަރުން ފެށިގެން މާލެ ފިޔަވައި އޭޓީއެމް ޚިދުމަތް ގާއިމްކުރެވިފައިވަނީ 81 ރަށުގައެވެ. މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، މިއީ މިއަހަރުތެރޭ މި ޚިދުމަތް ފެށި 95 ވަނަ ރަށެވެ. އަދި މިއީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ މީހުން ދިރިއުޅޭ އެންމެ 10 ރަށަށެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށްތަކުގައިވެސް އަވަހަށް އޭޓީއެމް ޚިދުމަތް ގާއިމުކުރެވޭނެއެވެ.