މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ވެސް މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ހަދަންޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ވެސް މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ހަދަންޖެހޭ!

ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންވެސް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މިކަން މެންބަރުން ފާހަގަކުރެއްވީ އޮޑިޓް ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލުތަކަށް ކުރެވުނު ބަހުސްގައެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވި ގޮތުގައި، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހެޅުމަކީ އެ ފަރާތްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އިސްލާހެކެވެ. އަދި މީގެ ތެރޭގައި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އިސްވެރިންނާއި ސިފައިންނާއި ފުލުހުން ފަދަ މުއައްސަސާތަކުގެ އިސްވެރިންވެސް ހިމެނެންޖެހޭނެ ކަމަށް އެމެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން. އެ ބޭފުޅުން މަގާމާ ހަވާލުވާއިރު އަތުގައި ބައި ރުފިޔާވެސް ނޯންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވާތަން އެބަފެނޭ," އަޒާން ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ މިއަދު އެއްވެސް މީހަކު ފަސްޖެހޭ ކަމަކަށް ވެފައި ނުވަނީ އެފަދا ކަންކަމަށް އެކަށީގެންވާ އަދަބު ނުލިބޭތީއެވެ. އަދި ދައުލަތުގެ ފައިސާއާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއްގެ އިތުރުން ރައްޔިތުންގެވެސް ޒިންމާއެއް ކަމަށް އެމެންބަރު ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އިދިކޮޅު މެންބަރަކު ހުށަހެޅި ނަމަވެސް މިފަދަ ބިލެއް ބަލައިގަނެ، އެއަށް ތާޢީދުކޮށް ބަހުސް ކުރުމުން ޕީއެންސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން