ތ.ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިން ތިމަރަފުށީގައި ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވެއެވެ.
މި މަސައްކަތް ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްޓަކައި ވުޒާރާއިން ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކަށް ގުޅާނެ ކަމަށާއި، "މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތު" ކަމުގައިވެސް އެ ވުޒާރާއިން ވަނީ އިންޒާރު ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ތިމަރަފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ރޯ ހައުސް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ 2023 ވަނަ އަހަރު ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވުނު 100 ހައުސިންގ ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.