2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު މަހުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި 24.6 މިލިއަން ޑޮލަރު މިނިސްޓްރީ އޮފް ފިނޭންސުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުގައެވެ. އަދި މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މުއްދަތު ހަމަވާއިރު، އެންމެފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމާނެއެވެ. މިހާތަނަށް ވެސް 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސުކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ވަނީ ގަވާއިދުން ދައްކަމުން ގެންގޮސްފައެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށްފައިވެއެވެ.
އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.