އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މިފަދަ ކުދިންގެ ލޮލުގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދެވޭ ޚާއްސަ ފަރުވާއެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވި ގޮތުގައި މި ޚިދުމަތް ރާއްޖޭގައި ދެވެން ފެށުމާއެކު، ދުވަސް ނުފުރާ ވިހާ ކުދިންނަށް ލަސްވުމެއް ނެތި ފަރުވާ ދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
"މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސް ނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްސަ ފަރުވާއެއް," އަބްދުއްރައްޒާޤް ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތްތަކަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކުރިން މިފަދަ ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭއިރު، މިހާރު މި ޚިދުމަތް ރާއްޖޭގައި ލިބެން ފެށުމަކީ ގިނަ ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.