އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން "ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް" މިއަދު ވަނީ ޝާޢިއުކޮށްފައެވެ.
މިއީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ނެރެފައިވާ އައު ޝަރުތުތަކެކެވެ. އިޤްތިޞާދީ ވުޒާރާއިން ބުނާ ގޮތުގައި މި ޝަރުތުތައް އެކުލަވާލާފައިވަނީ ސަރުކާރުގެ ވުޒާރާތަކާއި، އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އިންވެސްޓަރުންނާ މަޝްވަރާކުރުމަށްފަހުގައެވެ.
އައު ރިކުއަރމެންޓްސްގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ކުރިއަރަމުންދާ ސިނާޢަތްތަކުގައި ދިވެހިންނަށް އިސްކަންދިނުމާއެކު، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ބޭރުގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމެވެ. މިގޮތުން މިހާރު ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށްފައިވާ ވިޔަފާރިތަކަށް އެކަށީގެންވާ ޓްރާންސިޝަން މުއްދަތެއް ދެވޭނެކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އައު ޝަރުތުތަކުގެ ދަށުން ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، އަދި ބަންކަރިންގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައްވެސް ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެއެވެ.
އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި ދާއިރާތަކަކީ ދިވެހިންނަށް އިންވެސްޓްކުރުމުގެ ޤާބިލުކަމާއި ބާރުވެރިކަން ލިބިފައިވާ ދާއިރާތަކެވެ. އަދި މި ބަދަލުތަކާއެކު ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރެއެވެ.