އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިއްޔެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބި ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތު ނަގައިފިއެވެ.
މި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓަށް އެދިފައިވާ 58 ފަރާތަކާއި، 76 އަށްވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓަށް އެދިފައިވާ 338 ފަރާތެއްގެ ގުރުއަތު ނެގިފައިވެއެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރުތައް ގެދޮރުވެރިން ޕޯޓަލްގައި އަޕްޑޭޓް ކުރެވޭނެއެވެ. އަދި ގުރުއަތު ނެގުމުގެ މަންޒަރު ޕީއެސްއެމްއާއި، އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓް ކުރެވުނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި ނެރެފައިވާ ލިސްޓާ ގުޅިގެން، ގިނަ ޝަކުވާތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ކަމެވެ. އޭސީސީން އޭރު ހާމަކުރި ގޮތުގައި އެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަކީ ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެވެ.