މައިންބަފައިން ކުރާ ހުރިހާ އަމުރަކަށް ކިޔަމަންވާން ނުޖެހުނަސް އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތަން ނުޖެހޭނެ ޙާލަތެއް އިސްލާމްދީނަކު ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މައިންބަފައިން ކުރާ ހުރިހާ އަމުރަކަށް ކިޔަމަންވާން ނުޖެހުނަސް އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތަން ނުޖެހޭނެ ޙާލަތެއް އިސްލާމްދީނަކު ނެތް!

"އެކަލާނގެއަށް މެނުވީ، ތިއަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އިސްރާ: 23)

ﷲ ތަޢާލާގެ މި އަމުރުފުޅާއި ގުޅިގެން ވިސްނާށެވެ! ހުރިހާ މައިން ބަފައިން ނަކީ އެއްގޮތް ބައެއް ނޫނެވެ. ރަނގަޅު ނޫން މައިން ބަފައިންވެސް ތިބޭނެއެވެ. އެހެންކަމާއިއެކުވެސް މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ޖެހޭނެއެވެ. މުޢާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ.

ހަމަ އެއާއިއެކު ﷲ ތަޢާލާ އެންމެ ފަހަރަކުވެސް މައިން ބަފައިންގެ އަމުރުތަކަށް 100% ކިޔަމަން ވުމަށްވެސް އަމުރުފުޅު ކުރައްވަވާފައެއް ނުވެއެވެ. އެއީ ﷲ ތަޢާލާއަށް އުރެދުމެއްވާ އަމުރެއް ކޮށްފާނެ ކަމަށްޓަކައެވެ. އެފަދަ އަމުރެއް ކޮށްފިނަމަ ކިޔަމަންވުމެއް ނެތެވެ. ނަމަވެސް ކޮންމެ ހާލަތެއްގައިވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތަން ޖެހޭނެއެވެ.

ކީރިތި ޤްރުއާނުގައި ﷲ ތަޢާލާއަށް އީމާންވުމަށް ކުރައްވަވާފައިވާ އަމުރުފުޅާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ކީއްވެގެން ހެއްޔެވެ؟ ބައެއް މީހުން އެބަ ސުވާލުކުރެއެވެ.

ޖަވާބު ވަރަށް ސާފެވެ. ވަރަށް ފަސޭހައެވެ. ތިބާ ދުނިޔެއަށް ފޮނުއްވެވީ ކޮން ފަރާތަކުން ހެއްޔެވެ؟ ﷲ ތަޢާލާއެވެ. ކޮން ބައެއް މެދުވެރިކުރައްވަވައި ހެއްޔެވެ؟ މައިން ބަފައިން މެދުވެރިކުރައްވަވައެވެ. މިއޮތީ ސާފު ޖަވާބު ލިބިފައެވެ.

މީސްތަކުންނޭވެ! މައިން ބަފައިން މުސްކުޅިވާދުވަހު އެމީހުންނާއި އަޅާލައި ހެޔޮކޮށް ހިތުމަކީ ސުވަރުގެ ވަދެވެން އޮތް މަގެކެވެ. ވީމާ އެއްވެސް މީހަކީ އަމިއްލައަށް އެ މަގު ބަންދުކުރާ މީހަކަށްވެގެން ނުވާނެއެވެ. ވާންޖެހޭނީ ސުވަރުގެ ހޯދުމަށްޓަކައި އެމަގުން ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރާ މީހަކަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން