ޞިއްޙީ ގޮތުން މައްސަލައެއް ނެތަސް ފަލަނޫނަސް ކަސްރަތުކުރަންޖެހޭނެތަ؟
މިއީ ގިނަބައަކު ކުރާ ސުވާލެކެވެ. ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ! އިން ޝާ ﷲ
އެއްބައަކު ކަސްރަތުކުރަން ފަށަނީ މާބޮޑަށް ފަލަވުމުންނެވެ. އެއިރުން މާބުރަކޮށް ކަސްރަތުކުރަން ޖެހެއެވެ. އަނެއް ބައަކު ކަސްރަތުކުރަން ފަށަނީ ބޮޑު ބައްޔެއްޖެހި ސަލާމަތް ނުވެވުމުންނެވެ. އަނެއްބައަކު ކަސްރަތުކުރަން ފަށަނީ ކައިވެނި ރޫޅި އެކަނިވެރިވުމުންނެވެ.
މުޅި ހަށިގަނޑުތަކަށާއި ހަށިގަނޑުގެ ގުނަވަންތަކަށް ދުޅަހެޔޮކަން ލިބެން އޮތީ ކަސްރަތުކޮށްގެންނެވެ. ނަލިތަކުން ސަލާމަތްވެހުރުމަށް ފައިދާހުރި ކާނާ ކާއުޞޫލުން ދުޅްހެޔޮ ޞިއްހަތެއްގައި ހުރުމަށް އަބަދުވެސް ކަސްރަތުކުރަންޖެހެއެވެ. ވީމާ އެކަމަށް ހިތްވަރިދިނުމަށް މިގެނެސްދެނީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ވިސްނުމެވެ.
އަޅުގަނޑު ކަސްރަތުކުރަމެވެ. އެކުވެރިންވެސް ކަސްރަތުކުރެއެވެ. ކަސްރަތުކުރާ އެކުވެރިންގެތެރޭގައި ގިނައީ އެކަނިވެރި އަންހެނުންނެވެ. ދެމަފިރިން އެކުގައި ހަމަޖެހިގެން ދިރިއުޅޭ އަންހެނުން ކަސްރަތުކުރާ ނިޞްބަތް މަދެވެ. އެކުވެރިންގެ އެކުވެރިންނާއި މަޝްވަރާކުރުމުންވެސް ނުކުތީ ހަމަ މިގޮތަށެވެ.
އެހެންކަމުން މިފުރުޞަތުގެ ބޭނުން މިކުރަނީ އަޅުގަނޑުގެ ފަރާތުން ނަޞޭޙަތެއް ދިނުމަށެވެ.
އެއީ ކަސްރަތުކުރުމަކީ އެކަނިވެރިވުމުން ކުރަން އޮތް ކަމަކަށް ނުހަދާށެވެ. ފިރިމީހާއަށް ޚިދުމަތްކުރަމުންވެސް، ދަރިން ބަލަމުންވެސް ކަސްރަތުކުރަން ވަގުތު ހޯދާށެވެ! ސަބަބަކީ އެކަނިވެރިވާންޖެހޭނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ.
ކަސްރަތު ނުކުރާނަމަ ތިމާގެ ސިފަ ގެއްލޭނެއެވެ. ބުރުސޫރަ ހަޑިވާނެއެވެ. ބަލިތައް އިތުރުވާނެއެވެ. އެކަނިވެރިވާންޖެހުމުން މިކަންކަމަށް ވިސްނައިގެން ކަސްރަތުކުރަންފެށޭއިރު އޮންނަނީ މާބޮޑަށް ލަސްވެފައެވެ. ކަސްރަތުކުރަން މާގިނަވަގުތުތައް ހޭދަކުރަން ޖެހިފައެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ކަސްރަތުކުރާނަމަ އެކަމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑު ރީތިކޮށް ހުރުން ކަމުގައިވާއިރު ހަށިގަނޑު ރީތިކޮށް ހުންނަނަމަ ފިރިމީހާއަށްވެސް ރީތިވާނެއެވެ. ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދުވީމާ ފިރިމީހާ އުފާވެސްވާނެއެވެ. ފިރިމީހާއަށް ޚިދުމަތްކުރަން ވެސް ފަސޭހަވާނެއެވެ.
މިއީ އަހަރެންގެ ވިސްނުމެވެ. ކަމުދާނެ ޚިޔާލަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
--ޒުލްފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް