ފާފަކުރެވުމުން ސަލާމަތްވެ ހުންނަންވެސް ކުރެވުނު ފާފަ ފުހެލަންވެސް މިކަންކަން ކޮށްބަލަ! ބޮޑުތަނުން ކުރިއެރުން ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ފާފަކުރެވުމުން ސަލާމަތްވެ ހުންނަންވެސް ކުރެވުނު ފާފަ ފުހެލަންވެސް މިކަންކަން ކޮށްބަލަ! ބޮޑުތަނުން ކުރިއެރުން ލިބޭނެ! އިން ޝާ ﷲ

އަބަދުވެސް ބުނެވޭ ފަދައިން އެއްވެސް ފާފައެއްނުކޮށް ހުރެވޭނެ މީހަކު މުޅިދުނިޔޭގައިވެސް ނުހުރެދާނެއެވެ. އެއީ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ. ތައުބާވުމުން ތައުބާ ޤަބޫލުފުޅުކުރައްވަވައި ސުވަރުގެ ވައްދަވާތީއެވެ.

އިބްން ތައިމިއްޔާ ބަޔާން ކުރައްވާ ގޮތުގައި ފާފައިން ފާފަ ކުރުމުގެ ޢުޤޫބާތުން ސަލާމަތްވުމަށް ތަފާތު ދިހަ ގޮތަކަށް މަސައްކަތް ކުރެވިދާނެއެވެ. އެއިގެ ތެރެއިން 3 ގޮތެއް ހާމަކޮށްލާނަމެވެ.

އެތަނުން ފުރަތަމަ ގޮތަކީ ފާފައެއް ކުރެވޭއިރަށް ވަގުތުން ތައުބާވުމެވެ. ދެވަނަ ގޮތަކީ ފާފައެއް ކުރެވުމުން އަވަހަށް އިސްތިޣްފާރު ކުރަން ފެށުމެވެ.

އެއް މާނައެއްގައި ތައުބާވުމާއި އިސްތިޣްފާރުކުރުމަކީ އެއް ކަމެކެވެ. ނަމަވެސް ޢިލްމުވެރިންގެ އަރިއަހުގައި ތަފާތު އެބަހުއްޓެވެ. އިސްތިޣްފާރު ކުރުމަކީ ކުރެވިފައިވާ ފާފަތަކަށް މަޢާފްކޮށްދެއްވަވަން ﷲ ތަޢާލާއަށް ދަންނަވަމުން ގެންދިއުމެވެ. ނަމަވެސް ތައުބާގެ މާނައަކީ ފާފައެއް ކުރެވުމުން އެކަމާއި ދެރަވެ ހިތާމަކޮށް، އެފަދަ ފާފައެއް ދެން ނުކުރާނެ ކަމަށް ވަޢުދުވެސް ވުމެވެ. އަދި އިތުރު ފާފައެއް ނުކުރަން ވަގުތުން ޢަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރުމެވެ.

ފާފައިން ސަލާމަތްވުމަށް އޮތް 3 ވަނަ ގޮތަކީ ކުރެވުނު ފާފަ އާއިމެދު ހިތާމަކުރުމާއިއެކު ޘަވާބު ލިބޭނެ ހެޔޮ އަމަލުތައް ކުރުން އިތުރުކުރުމެވެ. އެގޮތުން މިސްކިތަށް ކުރިން ގޮސް ނަމާދަށް އިންތިޒާރު ކުރުމަކީވެސް ކުރަން ވަރަށް ރަނގަޅު އަމަލެކެވެ. ހިނގާފައި ނަމާދަށް ދިއުމަކީވެސް ކުރަން ވަރަށް ރަނގަޅު އަމަލެކެވެ. ތިމާގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުން މީސްތަކުންނަށް ހެޔޮ އަމަލުކުރަން ހިތްވަރުދިނުމާއި ވާގިވެރިވުމަކީވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ.

ކުރަން ޖެހޭ ހެޔޮ އަމަލުތައް ގިނަ ބައަކަށް އެނގެއެވެ. ނަމަވެސް އަމަލު ނުކުރެވެނީއެވެ. އަމަލު ނުކުރާނަމަ އެނގުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ވީމާ ކުރެވޭ ފާފަތަކުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ.

ކޮންމެ މީހަކު ލައްވައި ފާފަތައް ކުރުވަންވެސް އިބިލީހަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެއެވެ. ތަފާތު އުކުޅުތައް ބޭނުންކުރާނެއެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ފާފަތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

ވީމާ ހެޔޮ އަމަލަކަށް ވެދާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ދޫކޮށް ނުލާށެވެ. އެއީ މީހަކަށް މަގު ހުރަސް ކުރުމުގައި އެހީތެރިވުން ނަމަވެސް މެއެވެ. މީހަކު އަތުން ބިންމައްޗަށް ވެއްޓޭ އެއްޗެއް ނަގައިދިނުން ފަދަ ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސްމެއެވެ.

އަދި ކީއްހެއްޔެވެ؟ މީސްތަކުންނަށް ހިނިތުންވެލުން ފަދަ ކުޑަކުޑަ ކަމެއް ނަމަވެސްމެއެވެ. ހެޔޮ އަމަލުކުރުން ގިނަކުރާ ވަރަކަށް އިބިލީސް ފަހަތަށް ޖެހޭނެއެވެ. ވީމާ އިބިލީސް ފަހަތަށް ޖައްސުވަން ކުރަން އޮތް ކަމަކީ ހެޔޮ އަމަލުތައް ގިނަކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން