" މިއުޅެނީ ވަރަށް ދަތިޙާލުގަ ކުއްޔާ ބިލްތައް ދައްކާފަ ގެއަށް ކާނެ އެތިކޮޅުވެސް ނުގަނެވިގެން" ކަމަށް ބުނާ މީހުން ގިނައެވެ. އެކަމަކު ރިޒުޤް ތަނަވަސްވުމަށް ފުރަތަމަ ކުރަން އޮތް ކަންތައް ކުރަނީ މަދުމީހެކެވެ. މުޅި ރާއްޖެއަށް ބެލިނަމަވެސް މިކަން އޮތީ މިފަދަ ގޮތަކަށެވެ.
އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ހޭލުންތެރިކަން އިތުރުވާނެ ކަމަށެވެ.
ﷲ ތައާލާ އެދުވަހަކު އެމީހަކަށް ދެއްވަވާ ރިޒްޤް އިތުރުވުމަށް އެދޭނަމަ ރިޒްޤް ބައްސަވާ ވަގުތު ރިޒްޤް ލިބިގަންނަން އެބަޖެހެއެވެ. އެއީ ފަތިސްވަގުތެވެ. އެވަގުތު ތިބާ އޮންނަނީ ކަންނެތްވެ ނިދާފައެވެ. އެގޮތަށް ނިދަން އޮވެގެން ރިޒްޤް އިތުރުކުރެވޭނީ ކިހިނަކުންހެއްޔެވެ؟
ރިޒްޤް އިތުރުވުމަށާއި އެދުވަހަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އިތުރު ދުވަހަކަށްވުމަށް އެދޭމީހާ ފަތިސް ނަމާދުކުރަން ކޮންމެހެންވެސް ބޭނުންވާނެއެވެ. ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އެއީ ދުނިޔެއާއި ދުނިޔޭގައި ވާހައިތަކެއްޗަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ނަމާދަކަށްވާތީއެވެ.
ފަތިސް ނަމާދަށް އެއްރޭ ނުހޭލެވިއްޖެނަމަ އަނެއް ރޭ ކޮންމެ ގޮތަކުން ނަމަވެސް ހޭލަން މަސައްކަތްކުރާނެއެވެ. އެންމެ ރެއަކު ނުހޭލެވުނު ނަމަވެސް ދެރަވެ ހިތާމަކޮށް ކަރުނައަޅާނެއެވެ. އަދި ހޭލެވުމާއިއެކު ފަތިސް ނަމާދު ޤަޟާނުކޮށް އެއްވެސް ކަމެއް ނުކުރާނެއެވެ.
ވީމާ ރިޒްޤް ތަނަވަސްވުމަށް އެދޭމީހާ ކޮންމެ ގޮތަކުން ނަމަވެސް ކިތަންމެ ބޮޑު ބުރައެއް އުދުލައިގެން ނަމަވެސް ފަތިސް ނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ދޫކޮށްނުލާށެވެ! ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ދިއުމަކީ ވާޖިބެކެވެ. އެހެންވެ ބައެއް ޢިލްމުވެރިން މިސާލު ދެއްކެވުމުގެ ގޮތުން ވިދާޅުވާނެއެވެ.
"ފަތިސް ނަމާދު، ޖަމާޢަތުގައި (އިހުސުންނަތް ކުރުމާއިއެކު) ކޮށްގެން އަދި ޛިކުރުވެސް ކުރުމަށްފަހު މިސްކިތުން ފައިބާ މީހާއެދަނީ ތިޖޫރީގެ ތަޅުދަނޑި ހިފައިގެންނެވެ. މުޅި ދުވަހު އެ ތަޅުދަނޑިން ހުޅުވައިގެން ހަމަ ރިޒްޤް ނަގަންވީއެވެ!"
ތަކުރަރުކޮށްވެސް ބުނަން އޮތީ ހަމަ އެއް ވާހަކައެކެވެ! ކަންނެތްވެ ނިދަންތިބާ މީހުންނަށް ލިބޭނީ ކުޑަ (މަދު) މިންވަރެކެވެ. އިތުވުމަށް އެދޭމީހާއަށް އޮތް މަގު މިކިޔައިދިނީއެވެ. ޢަމަލުކޮށް ތަނަވަސްކަން ލިބިގަތުން އޮތީ ތިއަބައިމީހުންގެ އަތްމަތީގައެވެ.
ސުވާލެއް ކޮށްލާނަމެވެ. ޢުމުރުން މިހައި ދުވަސްވީއިރު މުޅި ޢުމުރުގައިވެސް ކިތައް ރޭ އިހުސުންނަތް ކޮށްގެން ޖަމާޢަތުގައި ފަތިސް ނަމާދުކޮށްފިން ހެއްޔެވެ؟ ތަންކޮޅެއް ފަސޭހަކޮށްލަމާ ހިނގާށެވެ؟ އަހަރަކު އެއްރޭ ، މަހަކު އެއްރޭ، ހަފްތާއަކު އެއްރޭ އެބަކުރެވޭ ހެއްޔެވެ؟
ނުހޭލެވޭ މީހުން ވިސްނާށެވެ! ތިބާގެ ޙާލު ބައްލަވައި ވޮޑިގަތުމަށް އުޑުން މަލާއިކަތުން ފޮނުއްވަވާކަމާއިމެދު ވިސްނައިލަބަލާށެވެ! އެއްވެސް މަލާއިކަތު ނުފޮނުއްވެވި ނަމަވެސް ތިބާ ކުރާ ކޮންމެ ޢަމަލެއް ދެކެދެނެވޮޑިގެންވެއެވެ.
އެހެންކަމާއިއެކުގައިވެސް ތިބާ ޢަމަލުކުރާ ގޮތް ބެއްލެވުމަށް ތިބާ ގާތު މަލާއިކަތުން އަބަދުވެސް ތިއްބަވައެވެ. ދެ ޝިފްޓަށެވެ. ކޮންމެފަހަރަކުވެސް ޝިފްޓް ބަދަލުވާ ހިނދު ތިބާ އާއި ވަކިވިއިރުގެ ޙާލަތު އެކަލާނގެ ޙަޟްރަތުގައި ދަންވަވަތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން