އެއްޗެތީގެ ބޭނުމުގަ ކައިވެނިކުރާ މީހަކާ ގުޅިގެން އުފާވެރި ދިރިއުޅުމެއް ލިބުމަކީ ދުރުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެއްޗެތީގެ ބޭނުމުގަ ކައިވެނިކުރާ މީހަކާ ގުޅިގެން އުފާވެރި ދިރިއުޅުމެއް ލިބުމަކީ ދުރުކަމެއް!

ކައިވެންޏާއިމެދު އެކިމީހުން ދެކެނީ އެކިގޮތަށެވެ. އެއްބައަކު ކައިވެންޏަކީ ތިމާގެ މުޅި ދިރިއުޅުން ކަމަށްދެކޭއިރު އަނެއްބައަކު ދެކެނީ ކައިވެނިކުރުމަކީ ދެމީހުން އެކުގަ މަޖާކޮށްލައި ބޭރަށް ގޮސްލައި އަދި އެކުގައި ނިދާލަން ކުރާކަމެއްގެ ގޮތުގައެވެ. 

މިފަދަ މީހުން ކައިވެންޏަށްފަހު ދިރިއުޅުމާއިމެދަކު ނުވިސްނައެވެ. ދިރިއުޅުން ކުރިއަރުވައި ބާއްޖަވެރިކުރުވޭނެ ގޮތްތަކާއިމެދަކުވެސް ނުވިސްނައެވެ. ދެމީހުންނަށް އުކުގައި އުޅެލެވޭނަމަ ބަލަނީ އެއޮތީ ދިރިއުޅުން ފުރިހަމަކުރެވިފައި ކަމަށެވެ. 

މިހާރަކަށް އައިސް ގިނަ އަންހެނުން ކައިވެނިކުރަނީ އެކަނި ދިރިނުއުޅެވިގެނެއް ނޫނެވެ. އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާތަކުން ބައެއްގެ ބުރަ އުފުލައިދޭނެ ބައިވެރިއަކު ހޯދުމުގެ ބޭނުމުގައެވެ. އެކަން ޙާޞިލްނުކުރެވޭނަމަ ކައިވެނިން އޭނާއަށް ކުރާ ފައިދާއެއް އޮންނަކަމަކަށް އޭނާއަށް ޤަބޫލެއް ނުކުރެވޭނެއެވެ. މިވިސްނުމުގައި ކައިވެނިކުރާ ފިރިހެނުންވެސް މަދެއް ނުވާނެއެވެ. 

ވީމާ ކައިވެންޏަށްފަހު މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ. ބައިވެރިޔާއަށް ކޮށްދެވެންހުރި ހުރިހާ ކަމެއްވެސް ކޮށްދޭންވާނެއެވެ. ކަމަކަށް އެދެންދެން މަޑުނުކުރާށެވެ! ބައިވެރިޔާއަށް ބޭނުންވާ ކަންކަން އަހައި އޮޅުންފިލުވައިގެންވެސް ކޮށްދޭށެވެ. 

ކައިވެނިކުރުމަށްފަހު ދެމަފިރިންނަކީ އެކެކެވެ. ވީމާ ބައިވެރިޔާއަށް ކޮށްދޭން ފަސްޖެހެންވީ، އަދި ލަދުގަންނަންވީ ކަމެއް އޮވެގެން ނުވާނެއެވެ. ޢާއިލާއަށް އެންމެ ހެޔޮ، އެންމެ ރަނގަޅަށް ޚިދުމަތްކުރާ، އަދި ޢާއިލާގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ބަލަހައްޓާ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި މީހުންކަން ޙަދީޘްފުޅުން އެނގެން އެއޮތީ އެހެންވެގެންނެވެ. 

އެމަތިވެރި ދަރަޖަ ﷲ ތަޢާލާ ދެއްވަވާނީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންވެސް އެގޮތުގައި ތިބޭނަމަ އެކަނބަލުންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު އެއްޗެތީގެ ބޭނުމުގައި ކައިވެނިކުރާ މީހަކާއި ގުޅިގެން އުފާވެރިކަން ލިބުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ. ސަބަބަކީ މާލީ ޙާލަތަކީ ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެ ކަމެއް ކަމަށްވާތީއެވެ. ތަނަވަސް އަންހެނަކާއި ގުޅޭއިރުވެސް ތަނަވަސްފިރިހެނަކާއި ގުޅޭއިރުވެސް މިކަމަށް ވިސްނަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން