ބޯޑެތި ބަލިތަކާއި ދާއިމީ ގޮތަކަށް ބޭސްކުރަންޖެހޭ ބަލިތަކުގައި އުޅެންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. ގިނަ ބައަކު ޤަވާއިދުން ބޭސްކައެވެ. އެކަމަކު ކުރަން އޮތް އެންމެ މުހިންމު ކަންތަކަށް އިހްމާލްވެއެވެ. އެއީ ރޭއަޅުކަންކުރުމެވެ. ރޭއަޅުކަންކޮށް ދުޢާކުރުމެވެ.
ބަލިވުމުން ބޭސްކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. ދުޢާކުރަން އޮތީވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ހުރެއެވެ. މައްސަލައަކަށް މިވަނީ ބޭސްކުރުމަށްދޭ ސަމާލުކަން ދުޢާކުރުމަށް ނުދެވޭތީއެވެ. ދުޢާކުރަން ދޭންޖެހޭ ސަމާލުކަން މާބޮޑުއިރުގައިވެސްމެއެވެ.
އެހެންކަމުން ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރުންކަން ބަޔާންކުރުމަށް މިގެނެސްދެނީ އެމީހަކީ ކާކުކަމާއި އޭނާގެ ހުރި ތަޤްވާވެރިކަން މިއަދުނޫހަށް ރަނގަޅަށް އެނގޭ މީހަކު ކިޔައިދީފައިވާ ވާހަކައެކެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
މިއީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ކަމެކެވެ. އަޅުގަނޑުގެ އަނބިމީހާގެ ޓޮންސިލް ދުޅަވެ އޮޕަރޭޝަނެއް ކުރީމެވެ. އެކަމުން ރަނގަޅުވެ ދުވަސްކޮޅެއްފަހުން ކަރުން ދޮސް އަންނަން ފެށިއެވެ.
ޑޮކްޓަރަށް ދެއްކުމުން ފުރަތަމަވެސް ބުނީ ކާތަށި ވަކިކުރުމަށެވެ. އެހިސާބުން ޓެސްޓްތައް ހަދަން ފެށިއެވެ. ކަރުތެރެއިން ސާމްޕަލް ނަގައި ޓެސްޓްކުރަން ބޭރަށްވެސް ފޮނުވިއެވެ. ތުހުމަތުކުރަނީ ބޮޑު ބައްޔަކަށްކަން އެނގެއެވެ. ނަމަވެސް ކަނޑައެޅިގެން ވަކި ބައްޔެއް ނުބުނެއެވެ.
އަޅުގަނޑުމެން ދެމަފަރިންނަކީވެސް ވީހައި ގިނައިން އަޅުކަންކުރާ ދެމަފިރިންނެވެ. ދެމަފިރިންވެސް ދަމުނަމާދުވެސް ކުރަމެވެ. އަޅުގަނޑުމެން އައީ ދުޢާކުރަމުންނެވެ.
އެއްދުވަހަކު ހޮސްޕިޓަލުން ބައްދަލުވި ވަރަށް އެކުވެރި ޑޮކްޓަރަކު ސުވާލުކުރުމުން ޖެހިގެންއުޅޭ ކަންކަން ކިޔައިދިނުމުން ގެއަށް ގޮސްލާނެ ކަމަށް ބުންޏެވެ. ސަމާސާ މިޒާޖެއްގައި ބުނީ ސާމްޕަލް ނަގާނީ އަހަރެން ކަމަށެވެ.
ޑޮކްޓަރު ހަމަ އެރޭ ގެއަށް އައެވެ. ޓޯޗަކުން އަލިކޮށްގެން ވަރަށް ރަނގަޅަށް ކަރުތެރެ ބަލާފައި ސުވާލުކުރީ ކުޑަ ހަނޑަހެއް ލިބިދާނެތޯއެވެ. ދިނީމާ ކަރުތެރެއަށް ބާނައިގެން އުޅެފައި ދަމައިގަތްއިރު ކޮޅުގައި ނަރުކޮޅެއް އޮތެވެ. އެނަރުކޮޅަކީ ކުރިން ޓޮންސިލް އޮޕަރޭޝަންކުރިއިރު ކަރުތެރެ ފަހަން ބޭނުންކުރިތަނުން ނަރުކޮޅެކެވެ. (އެއިރު އަމިއްލައަށް ވިރޭ ނަރު ރާއްޖޭގައި ބޭނުމެއް ނުކުރެއެވެ.)
ކޮންމެއަކަސް އެކުޑަކުޑަ ނަރުކޮޅު ދަމާނެރުނުފަހުން ބައްޔަށް ލުއިވަމުން އައިސް ބަލި ފަސޭހަވެއްޖެއެވެ. ބަލިން ސަލާމަތް ވެވިއްޖެއެވެ.
ޑޮކްޓަރުންވެސް އަދި އެހެން މީހަކުވެސް ކުށްވެރިކުރާކަށް ނެތީމެވެ. ބުނެލަން ބޭނުންވަނީ ކިތަންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން ލައްވައި ބޭސްކުރިނަމަވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ! ޝިފާ ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންޏެވެ.
އަޅުގަނޑަކީވެސް މިއަދުނޫހުގައި ލިޔަމުން ގެންދާ މިބާވަތުގެ ލިޔުންތައް ކިޔާ މީހަކަށްވާތީ އަޅުގަނޑަށްވެސް ތަޖުރިބާކުރެވިފައިވާ ކަމެއްގެ ވާހަކަ ދަންނަވައިލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިޙާދިސާއިން ވިސްނަންވީ ނަރުކޮޅާއިމެދަކު ނޫނެވެ. އެކަމުން ސަލާމަތްވެވުމަށް މާތް ﷲ މަގުފަހިކޮށްދެއްވެވި ފަސޭހަކަމާއިމެދުގައެވެ. ޢިބްރަތް ޙާޞިލުކުރަންވީ އެކަމުންނެވެ.
ކާތަށި ވަކިކުރަން އެބުނީ ޓީބީއަށް ޝައްކުވެގެންނެވެ. ޓީބީއަށް ބޭސްދިންނަމަ ޙާލަކީ ކޮބައި ހެއްޔެވެ؟ ޓީބީއަށް ކިތަންމެ ވަރަކަށް ބޭސްދިނިއްޔާ އެނަރުކޮޅު ނުނަގައި ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟