ފާފަކުރެވޭ މީހުން އެކަން ކުރުމުގެ ކުރިން މިކަންކަމަށް ވިސްނައިލިޔަސް ފާފަކުރުން ހުއްޓައިލެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފާފަކުރެވޭ މީހުން އެކަން ކުރުމުގެ ކުރިން މިކަންކަމަށް ވިސްނައިލިޔަސް ފާފަކުރުން ހުއްޓައިލެވޭނެ! އިން ޝާ ﷲ

ފާފަކުރަން ދެވިހިފީމާވެސް ހުއްޓައިލެވޭނެތޯ؟  

ޔަޤީންތާއެވެ! މިއީ ސުވާލު އުފައްދަންވެސް އޮތް ކަމެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ހިތްވަރު ހުރިއްޔާ ހުއްޓައިލެވޭނެއެވެ. އެންމެ ބޮޑު ސަބަބަކީ ފާފަކުރުން ހުއްޓާލަން މީހަކު އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. ވީމާ ހިތްވަރު ލިބޭނެއެވެ. ހިތްވަރު ނުލިބޭނަމަ ނިޔަތުގައި މައްސަލައެއް އޮންނާނެއެވެ. އަވަހަށް ނިޔަތް ރަނގަޅުކޮށްލާށެވެ! އިޚްލާޞްތެރިކަން އިސްކުރާށެވެ!  

އަހުރެން ބުނީތީއެއް ނޫނެވެ. ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނައިލާށެވެ. އެމީހަކަށް އެކަމެއް ނުކޮށް ދުނިޔޭގައި އުޅެން ހުރަސް އެޅޭނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވޭހެއްޔެވެ؟ އަދި އެކަމެއް ކުރުމުން ތިމާއަށް ގެއްލުން ނުލިބޭނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވޭހެއްޔެވެ؟  

އެންމެ ގިނަ ބައަކު ކުރާ ފާފަތަކަކީ ބަރަހަނާ ބެލުމާއި ފާޙިޝް ޢަމަލުތައް ކުރުމާއި މަސްތުވުމާއި ޖުވާ ކުޅުން ފަދަ ކަންކަމެވެ. ދޮގުބުނުމާއި މަކަރުހެދުމާއި ވައްކަންކުރުން ފަދަ ކަންކަމެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަންކަންހެއްޔެވެ؟ އެކަންކަން ނުކުރިއްޔާ ލިބޭނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟ 

އިންސާނުންނަށް އެކަމަކުން އެއްވެސް ފައިދާއެއް ކުރާނެ ހުރިހާ ކަމެއް ޙަލާލު ގޮތުގައި ކުރެވޭނެ މަގު އިސްލާމްދީނުގައި ފެންނަން އެބައޮތެވެ. ﷲ ތަޢާލާއަށް ބިރުވެތިވާނަ، ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް އެދޭނަމަ އެގޮތް އިޚްތިޔާރުނުކުރަންވީ ކީއްވެގެންހެއްޔެވެ؟  

އަހުރެމެންނަކީ މުސްލިމުންނެވެ. އުންމީދުކޮށް މަސައްކަތްކުރަނީ ސުވަރުގެ ލިބިގަތުމަށެވެ. ނަރައިން ސަލާމަތްވުމަށެވެ. އެކަން ޙާޞިލުކުރެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. އެމަގުން ކުރިއަސް ނުދާ މީހަކު ސުވަރުގެ ވަނުމަށް އުންމީދުކުރާނީވެސް ކިހިނަކުންހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔެ ނިމެން ގާތްވަމުން އަންނަވަރަކަށް ޝައިޠޯނާގެ ވަސްވާސްތައް ޤަބޫލުކޮށް މަގުފުރެދޭ މީހުން ދާނީ ގިނަވަމުންނެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ތިމާއަކީ އެފަދަ މީހަކު ކަމުގައި ނުވެ ސަލާމަތްވާން މަސައްކަތްކޮށްގެން ނޫނީ ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ހޭލުންތެރިވުމެވެ. ބުއްދީގެ ބޭނުންކޮށް ނަރަކައިން ސަލާމަތްވުމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން