އެކަކު އަނެކަކަށް ވަފާތެރިވެ ﷲ ތަޢާލާގެ މަގުގަ ޘާބިތުވެ ތިބޭ ކޮންމެ ދެމަފިރިއަކަށްވެސް ފުދުންތެރިކަމާ އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
އެކަކު އަނެކަކަށް ވަފާތެރިވެ ﷲ ތަޢާލާގެ މަގުގަ ޘާބިތުވެ ތިބޭ ކޮންމެ ދެމަފިރިއަކަށްވެސް ފުދުންތެރިކަމާ އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އެއްވެސް ދެމީހެއްގެ މެދުގައި ރަނގަޅަށް ގުލުން ބާއްވައި އެކަންކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމަށްވާނަމަ އެމީހުންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. އެމީހުންނަށް ރަޙްމަތް ލައްވަވައެވެ. އެހެންކަމަށްވާއިރު ދެމީހަކު ﷲ ތަޢާލާއަށްޓަކައި ލޯބިވެ އަވަހަށް ކައިވެނީގެ ގުޅުމުން ގުޅިއްޖެނަމަ ލައްވަވާނެ ބޮޑު ރަޙްމަތް ނުވަތަ ރަޙްމަތުގެ ބޮޑުކަން ހިތަށް ގެންނާށެވެ!   

އެހެންކަމާއިއެކުވެސް ކަންކަން މިކުރެވެނީ ކިހިނަކުން ހެއްޔެވެ؟ މިތިބީ ލޯބިވެގެން ކަމަސްބުނެ ކައިވެނިނުކޮށް އެތައް އަހަރެއް އެބަ ފާއިތުކުރެއެވެ. ދީނުގަ އޮތް ގޮތް އިހަސް ބާއްވާލާފައި ދުނިޔަވީ ވިސްނައިލަމާ ހިނގާށެވެ. އެނގެން މިއޮތީ ލިބޭ ބޮޑު ދެރައެވެ.  

ކައިވެނިކުރާނީ މާފަހުން ކަމަށް ކަނޑައަޅައިގެން ލޯބިވެގެން އުޅުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެނީ ދުވަސްކޮޅެއްކޮށްލާފައި ކައިވެނިކުރެވެން ނެތްކަމަށް ބުނުމަކީ ހަމައެކަނި ދެވޭ އަނިޔާއެއް ނޫނެވެ. އަނެކާގެ މުޅި ދިރިއުޅުން ހަލާކުކޮށްލުން ފަދަ ކަމެކެވެ. އެއީ ގިނަބައެއްގެ ކުރިމަތީގައި އަގުވެއްޓި ފަޟީޙަތްވާވެސް ކަމެކެވެ. އެއީ ފޫބެއްދޭނެ ދެރައެއް ނޫނެވެ.  

ދެމަފިރިއަކު ކިތަންމެ ފަޤީރު ޙާލުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅެމުންދާނަމަ ދެއްވަވާނެ ނިޢްމަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ މާލީ ގޮތުން އެހެން މީހަކަށް ބަރޯސާވާން ނުޖެހި އަމިއްލަ މިނިވަންކަމުގައި ދިރިއުޅެވޭނެ މަގު ފަހިކުރައްވަވައި ދެއްވަވާ ކަމެކެވެ. އިން ޝާ ﷲ  

ބައެއް މީހުން ބުނަނީ ކައިވެނިކުރުން މުއްދަތަކަށް ލަސްކުރަނީ ރަނގަޅު ފެންވަރުގައި ކައިވެނީގެ ޙަފްލާއެއް ބާއްވަން ތައްޔާރުވުމަށާއި އެކުގައި ދިރިއުޅެން ވާންޖެހޭ ތައްޔާރީތައްވުމަށް ކަމަށެވެ. މިމޭޜުމުން ބުނެފައި ދެމީހުން އެކުގައި ނުކުމެ މީސްތަކުންގެ ކުރިމަތީގައި އުޅުމުން ލިބޭ ނަޢްނަތަކަށް ނުވިސްނައެވެ. ކުރެވޭ ފާފައިގެ އިތުރުން އަމިއްލަ އަބުރު ކަތިލެވިގެންދާކަމާއިމެދުގައި ވިސްނައެއް ނުލައެވެ. މިދެބައި ނިކަން އަޅައި ކިރާލަބަލާށެވެ. އެއިރުން މިދައްކާ ވާހަކައިގެ މަޤްޞަތާއި ފައިދާ އެނގިގެންދާނެއެވެ.  

އަދިވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކައިވެނީގެ ކުރިން ޙަރާމް ގޮތުގައި އެއްވެސް މީހަކާއިއެކު (ކައިވެނިކުރަން ބޭނުންވާ 2 މީހުންނަމަވެސް އަދި އެހެން މީހަކާއިއެކުގައި ނަމަވެސް) ޖިންސީ ގުޅުން ހިންގިފައިވާނަމަ ކައިވެނިކުރުމުގެ ކުރިން ފުރިހަމަ ތައުބާއަކުން ތައުބާވުމެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން